ޚަބަރު

ޕެރަލިމްޕިކް ކޮމިޓީއަށް އެމްއޯސީއާ އެއް ގިންތިއެއްގައި ޤާނޫނީ ބާރުވެރިކަން ދީފި


މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރަތަމަ ފަހަރަށް ދީފިއެވެ.

މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެކަމަށާއި، ހަމަ މިއާއެކު، ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން، ޤާނޫނެއްގައި ލިޔެވިގެން ތަސްދީޤުކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ޤާނޫނު އިސްލާހުވެގެން އައުމާއެކު ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބި އެ އިދާރާ ހިންގުމަށް އިތުރަށް ލުއިފަސޭހަތަކެއް ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ.

އަދި އެހެން ކުޅިވަރު އިދާރާތަކާއި އެއްހަމައެއްގައި ހިންގާ ރާއްޖެއާއި ރާއްޖޭން ބޭރުގައި މިހާރަށްވުރެ ހަރަކާތްތެރިކަން އިތުރު ކުރެވިގެންދާނެއެވެ. އަދި ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކުން ފުރުސަތުތައް ހޯދުމުގައިވެސް ކުރިޔަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.

ޤާނޫނަށް ގެނެވުނު އިޞްލާހާއެކު ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ އިދާރާއެއްކަމުގައި ހަމަޖެހި މީގެ ސަބަބުން، ޕެރަލިމްޕިކްގެ ވަކިވަކި އެސޯސިއޭޝަންތައް އުފައްދާ ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކުޅިވަރު ކުޅުންތެރިންނަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން ޖިންސުގެ ތަފާތުކުރުމެއް ނެތި ބައިވެރިވުމުގެ ފުރުޞަތު މި ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ. ކުޅިވަރު ޤާނޫނަށް ގެނައި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ މެންބަރަކު، ކުޅިވަރުގެ ޤައުމީ މަޖިލީހުގައި އިންނަވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ މެންބަރަކު ޤައުމީ މަޖިލީހުގައި އިނުމަކީ މިއީ ވަރަށް މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ޤާނޫނު އޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"މި އިސްލާހުގެ ތެރެއިން ޕެރަލިމްޕިކް ކޮމިޓީއަށް އެބަދެން ޤާނޫނީ ބާރުވެރިކަމެއް. ޤާނޫނީ ޝަހުސަކަށް އެބަ ވެގެންދޭ އެއީ ވަރަށް މުހިންމު ބަދަލަކަށް އެބަވޭ. އަޅުގަނޑުމެން ގެންނަން ބޭނުންވާ ތަރައްޤީއަކީ އިންކުލޫސިވް ތަރައްޤީއެއް. ހަމަހަމަ ތަރައްޤީއެއް. އެމީހެއްގެ ހުންނަ ނުކުޅެދުންތެރިކަމަކީ އެމީހަކު ބާކީވާން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." ރައީސް ވިދާޅުވިއެވެ.

އަދި ހުރިހާ ރަށެއްގައި ޕެރަލިމްޕިކް ކޮމިޓީއަށްވެ ލާމަރުކަޒީކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ކުޅިވަރު ޤާނޫނުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން މިހާރަށްވުރެބޮޑަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންމެ މޮޅު ކުޅުންތެރިން ބައިވެރިކޮށްގެން ރާއްޖޭން ރާއްޖެއަށް ގިނަ ވަނަތައް ގެނައުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.