ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓުން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. ކޮންމެ އަހަރަކުވެސް އެމަޝްރޫޢުތައް ހިންގުމަށް އެތައް ބިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިއަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 1.05 ބިލިޔަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
• ދަތުރުފަތުރުގެ ދާއިރާއަށް – 315 މިލިޔަން ރުފިޔާ
• ގޮނޑުދޮށް ހިމާޔަތްކުރުމަށް – 104.3 މިލިޔަން ރުފިޔާ
• ބިން ހިއްކުމަށް – 123.1 މިލިޔަން ރުފިޔާ
• ބަނދަރު ތަރައްޤީކުރުމަށް – 96.3 މިލިޔަން ރުފިޔާ
• ބުރިޖު މަޝްރޫޢަށް – 86.5 މިލިޔަން ރުފިޔާ
• ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް – 66 މިލިޔަން ރުފިޔާ
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި، މި އަހަރުން ފެށިގެން ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.