ކުޅިވަރު

ދެވަނަ ޑިވިޝަނުގައި ދަގަނޑޭ ނިއު ރޭޑިއަންޓަށް ކުޅެނީ


މި އަހަރު ފަހުކޮޅު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެން އެ ޓީމުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ނިންމައިފިއެވެ.

ނިއުއިން މި ހަފުތާގައި މިކަން އިއުލާނުކުރުމަށް ވަނީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަން ފަށައިފަ އެވެ. މި ގޮތުން ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް ވަނީ މި ކަން އިސްތިހާރު ކުރަން ފަށައިފަ އެވެ.

އުމުރުން 39 އަހަރުގެ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އޭނާ ދަނޑުން ނުފެނެ އެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އޭނާ އަންނަނީ ފިޓްވަމުންނެވެ. އަދި ދާދި ފަހުން އަތޮޅު ތެރޭގައި އޮތް ފުޓްސަލް މުބާރާތެއްގައި ވެސް އޭނާ ކުޅުނެވެ.

ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރާ ނިއު އަށް ކުޅެން ދަގަނޑޭ ނިންމިއިރު މިއީ އޭނާ ފެންވަރުގެ ކުޅުންތެރިއަކު ދެ ވަނަ ޑިވިޝަނުގައި ކުޅޭނެ ފުރަތަމަ ފަހަރަށްވާނެ އެވެ.

2001 ވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ނިއުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ އޮތް ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގަ އެވެ.