ޚަބަރު

ނިއުކާސަލް ބަލިކޮށް އާސެނަލްއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އާސެނަލްއިން ކަށަވަރުކޮށްފިއެވެ.

މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 37 މެޗުން 71 ޕޮއިންޓު ލިބިފަ އެވެ. ތިންވަނައިގައި މިވަގުތު އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ޗެލްސީ އާއި އެސްޓަން ވިލާއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު ނިއުކާސަލް އަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޗެމްޕިއަންސް ލީގަށް ވާދަކުރަމުންދާ މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 65 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ އެވެ. އެހެންކަމުން އެ ޓީމު އަންނަ ބުދަ ދުވަހު ބޯންމަތު އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ ތިންވަނަ މަގާމު ހޯދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ ޑެކްލަން ރައިސް އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 9 ވަނަ ލަނޑެވެ.

އަނިޔާގެ ސަބަބުން ނިއުކާސަލްގެ ޔުނައިޓެޑްގެ ފޯވަޑް އެލެކްޒެންޑަރ އިސާކް މި މެޗުގައި ނުކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

އެގޮތުން ބްރޫނޯ ގުއިމަރޭސް އާއި ހާވޭ ބާރންސްގެ އިތުރުން ޑޭން ބަރން އަދި ސްވެން ބޮޓްމަން ފޮނުވާލި ނުރައްކާތެރި ހަމަލަތައް އާސެނަލްގެ ގޯލު ކީޕަރު ޑޭވިޑް ރާޔާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ މުޅި ސީޒަނަށް ބަލާއިރު އާސެނަލްއަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ކަމަށެވެ.

" މުޅި ސީޒަނަށް ބަލާއިރު ހިތްހަމަޖެހޭ ނަތީޖާތަކެއް ހޯދިފައެއް ނެތް. ލީގުގެ ކުރީކޮޅު ރަގަޅު ނަތީޖާތަކެއް ހޯދުނު ނަމަވެސް ފަހުން އައިސް ޓީމަށް ވަނީ މައްސަލަތަކާއި ކުރިމަތިވެފަ. އަދި ލީގުގައި ފެނިގެންދިޔަ ނަތީޖާތަކަކީ އެވްރެޖްކޮށް ރަގަޅު ނަތީޖާތަކެއް ނޫން." އާޓެޓާ ބުންޏެވެ.