ޚަބަރު

ސިނާ ބަލިކޮށް އަލްކަރާޒް ޗެމްޕިއަންކަން ހޯދައިފި


އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ބަލިކޮށް ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.

އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ސިނާ ކުޅުނު މި މެޗު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމ ސެޓުގައި ސިނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ފަހު ވަގުތު އެ ސެޓު އަލްކަރާޒް ވަނީ ކާމިޔާބުކޮށްފަ އެވެ.

އަދި ދެވަނަ ސެޓުގައި އަލްކަރާޒް ވަނީ މޮޅު ކުޅުމެއް ދައްކާ ސިނާގެ ސަޕޯޓަރުން މާޔޫސްކޮށްލާފަ އެވެ.

މި މެޗުން ސިނާ ބަލިވެފައިވާއިރު، މެޗަކުން ބަލިނުވެ އޭނާ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 26 މެޗަށްފަހު ނިމުމަކަށް އައިސްފައެވެ. އަދި އަލްކަރާޒް ވަނީ ސިނާ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނެފައިވަނީ ރޯމްގައި ކުޅުނު މި މުބާރާތް ކާމިޔާބު ކުރެވުމަކީ އޭނާއަށް ލިބިގެންދިޔަ ފަހުރެއް ކަމަށާއި އަދި އަނިޔާއަކަށްފަހު ކުޅުނު ފުރަތަމަ މުބާރާތް ކާމިޔާބު ކުރެވުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ.

"ރޯމްގައި ކުޅުނު މި މުބާރާތް ކާމިޔާބު ކުރެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް. އަނިޔާއަކަށްފަހު އެކަމުން ސަލާމަތްވެ މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއީ." އަލްކަރާޒް ބުންޏެވެ.

"މި މުބާރާތް ކާމިޔާބު ކުރެވުމާއިއެކު ކުރިއަށް އޮތް ފްރެންޗް އޯޕަން މުބާރާތަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ." އަލްކަރާޒް އިތުރަށް ބުންޏެވެ.