ސިއްހަތު

ހުޅުމާލޭގައި ކެންސަރ ސެންޓަރެއް ޤާއިމްކުރައްވަނީ


ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސަރ ސެންޓަރެއް ޤާއިމްކުރުމަށް އިންޑިއާގެ މެނިޕާލް ހޮސްޕިޓަލާއެކު ސޮއިކުރައްވައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްވަނީ އަވަށްޓެރި ޤައުމުތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވާ، ތަރައްޤީކުރުމަށް ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލިތަކަކީ އާސަންދައިން އެންމެ ބޮޑު ޚަރަދެއްކުރައްވާ އަދި ރާއްޖެއިން ބޭރަށް މީހުން އެންމެ ގިނައިން ފަރުވާ ހޯދުމަށް ދަތުރުކުރާ ބަލިތަކެވެ. އެހެންކަމުން، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ޢާއްމު ރައްޔިތުން ކުރާ ޚަރަދު ވީހާވެސް ކުޑަކޮށް، އަމިއްލަ ޤައުމުގައި ތިބެގެން މިފަދަ ބަލިތަށް ފަރުވާ ލިބިގެންދާނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ހުޅުމާލޭގައި އަލަށް ޤާއިމްކުރެވޭ ކެންސަރ ސެންޓަރުގެ ސަބަބުން، ކެންސަރު ބައްޔަށް ފަރުވާހޯދާ ފަރާތްތަކަށް އިތުރު ލުއި ފަސޭޙަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14600073166881.jpg|ހުޅުމާލެ ހޮސްޕިޓަލްް - ފޮޓޯ: ޕީއެސްއެމް

މެނިޕާލް ހޮސްޕިޓަލާއި އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ކެންސަރ ސެންޓަރ ޤާއިމްކުރެއްވުމުގެ މަސައްކަތް ނިންމާ، ނޮވެމްބަރު މަހު އެސެންޓަރުން ޚިދުމަތްދޭން ފަށްޓަވާނެއެވެ. މި ސެންޓަރަށް ބޭނުންވާ ޑޮކްޓަރުންނާއި، ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މެނިޕާލް ހޮސްޕިޓަލާއި ގުޅިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ، އެންސްޕާއިން ފައްޓަވާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރެއްވުމަށް އެއްބަސްވެވުނު ކެންސަރ ސެންޓަރުން، ކެންސަރ ބަލީމީހުންނަށް ބޭނުންވާ އެކިކަހަލަ ތަޙްލީލްކުރުމާއި، ކީމޯތެރެޕީގެ ޚިދުމަތް ލިބިގެންދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސަރ ސެންޓަރެއް ޤާއިމްކުރެއްވުމުގެ އެއްބަސްވުމުގައި ހުޅުމާލޭ ހޮސްޕިޓާލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ، އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން ޢަބްދުއްސަމަދެވެ. އަދި، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ސީއީއޯ މުޖުތަބާ ޖަލީލެވެ. މެނިޕާލް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަދި  ސީއީއޯ އަޖޭބަކްޝީއެވެ.