ޚަބަރު

ޓްރަމްޕް އިތުރުފުޅު ހައްދަވާ ކަމަށް ވިދާޅުވެ ޚާމަނާޢީ ފާޑުވިދާޅުވެއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމުގައި ވިދާޅުވެ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ފާޑުވިދާޅުވެއްޖެއެވެ. ޚާމަނާޢީ އިޝާރާތް ކުރައްވާފައި ވަނީ މެދުއިރުމައްޗަށް ސުލްޙަ ގެނައުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަށެވެ. ހުސްވި ހަފުތާގައި ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ވަޑަގައިންނަވައި، އެ ޤައުމުތަކާ އެކު ގުޅުން ބަދަހި ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައެވެ.

މެދުއިރުމައްޗަށް ސުލްޙަ ގެނައުމުގެ ބަދަލުގައި ޓްރަމްޕްގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިން ޝަހީދު ކުރުމަށް ޔަހޫދީން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އޭނާ ފޯރުކޮށްދެއްވަމުން ގެންދަވާ ކަމުގައި ޚާމަނާޢީ ވިދާޅުވިއެވެ. މި ގޮތުން، "ޣައްޒާގެ ކުޑަކުދިންގެ ބޮލަށް އެޅުމަށް ޒަޔަނިސްޓު [އިސްރާއީލުގެ ޔަހޫދީ ފައުޖުން] ބޭނުން ކުރަމުންދާ 10 ޓަނުގެ ބޮންތައް އެމެރިކާގެ ބާރުން،" ފޯރުކޮށްދެމުންދާ ކަމުގައި ޚާމަނާޢީ ވިދާޅުވިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތަކަކީ ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތަކެކެވެ.

އީރާން އެމެރިކާއާއި ޔަހޫދީންގެ އަތްދަށުލުމަށް ވެސް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު އެމެރިކާގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ޓްރަމްޕް ވަނީ އީރާނަށް މަޖުބޫރު ކުރުވާފައެވެ. ޔޫއޭއީން ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުން އީރާނުން ލަސްކުރަމުންދާ ނަމަ، "ވަރަށް ގޯސް ގޮތެއް މެދުވެރިވާނެ،" ކަމުގައެވެ.

ޕީޒިޝްކިޔާން ޓްރަމްޕަށް ފާޑުކިޔުން އަމާޒު ކުރެއްވުން

ޓްރަމްޕްގެ އިންޒާރުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، އެއީ ރައްދު ދޭން ޖެހޭ ފަދަ ވާހަކަތަކެއް ނޫން ކަމުގައެވެ. އަދި، އެއީ އެމެރިކާގެ ރައްޔިތުން ލަދުވެތިވާން ޖެހޭ ފަދަ ވާހަކަތަކެއް ކަމުގައެވެ. "އެއްވެސް ޝައްކެއް ނެތް، މި ސަރަޙައްދުގައި އޮތް ކޮރަޕްޝަނާއި، ހަނގުރާމައާއި ހަމަނުޖެހުންތަކުގެ އަސްލަކީ ޒަޔަނިސްޓުންގެ ދައުލަތް. އެއީ ނުރައްކާތެރި ކެންސަރެއް ފަދަ ޓިޔުމަރެއް، އެ ޓިޔުމަރު އުފުރައިލަން ޖެހޭ، އެ ކަން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ޚާމަނާޢީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާނުގެ ރައީސް މަސްޢޫދު ޕީޒިންޝިކިޔާން ވެސް ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޕީޒިޝްކިޔާން ވިދާޅުވީ ޓްރަމްޕަކީ "ދެއިރު ދެ އަނގައިން" ވާހަކަފުޅު ދައްކަވާ ބޭފުޅެއް ކަމުގައެވެ. އަދި، ސުލްޙައިގެ ވާހަކަ ދައްކަމުން އީރާނަށް އިންޒާރު ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމުގައެވެ. "އޭގެ ތެރެއިން އަޅުގަނޑުމެން ޤަބޫލު ކުރަންވީ ކޮން ވާހަކައެއްތޯ؟ އެއް އަތުން އޭނާ އެ ގެންދަވަނީ ސުލްޙައިގެ ވާހަކަ ދައްކަވަމުން، އަނެއް އަތުން އެ ދަނީ އެންމެ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން ޤަތުލުޢާންމެއް ހިންގަވާނެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް އެމެރިކާއާ އެކު މަޝްވަރާތަައް ކުރިއަށް ގެންދިޔުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ. "އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ނުފެށިގެނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މަޝްވަރާތަކުގެ އޮނިގަނޑަށް ބަދަލުނެގައުން

ޔޫއޭއީގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އައު ހުށަހެޅުންތަކެއް އީރާނާ ހިއްސާކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއިން އެއްވެސް އައު ހުށަހެޅުމެއް އީރާނާ ހިއްސާކޮށްފައި ނުވާ ކަމުގައެވެ. "އީރާނުން ބުރަ މަސައްކަތުން ސުލްޙަވެރި ބޭނުންތަކަށް [ޔުރޭނިޔަމް] މުއްސަނދި ކުރުމަށް ހޯދާފައިވާ ޙައްޤު ދޫކޮށްލާނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގައި ވެސް ޢަރާޤިޖީ ވިދާޅުވިއެވެ. މި ގޮތުން، އެމެރިކާގެ ސިޔާސަތު މެދުކެނޑުމެއް ނެތި ބަދަލު ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން މަޝްވަރާތައް ދިގުދެންމުމުގެ ބޭނުމުގައި މަޝްވަރާތަކާ ބެހޭ އޮނިގަނޑު އަބަދު ބަދަލު ކުރަމުން ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. އީރާނުގެ ޙައްޤުތައް ދޫކޮށްލަން އެއްބަސްނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ހަތަރު ބައްދަލުވުން މޭ 11ވަނަ ދުވަހު ބާއްވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.