ވިޔަފާރި

އަންނަ މަހުން ފެށިގެން ކުރީގެ ނޫޓުތައް ބޭނުންކުރުން ހުއްޓާލަނީ!


ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާގެ ތެރެއިން، 2015 އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 2 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ނޫން ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސްރުފިޔާގެ ނޫޓް ފިޔަވައި އެހެން ނޫޓް ފަހުގެ ނޫޓަށް ބަދަލުކޮށްދެއްވުމަށް އެމްއެމްއޭއިން ދަނީ އަތޮޅުތަކަށްވެސް ޒިޔާތަތްކުރައްވަމުންނެވެ. މިއަހަރު ނިމެންދެން ދިވެހި ފައިސާގެ ކުރީގެ ނޫޓް، ރާއްޖޭގެ ބޭންކުތަކުން ރަންދިހަ ފަހެއްގެ ނޫޓަށް ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

img:http://s2.psmnews.mv/images/660x400/5884.jpg|ރަންދިހަ ފަހެއް ނޫޓް ސީރީސްގެ ނޫޓްތައް - ފައިލް ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމގެ މުނާސަބަތާ ގުޅުވައިގެން މަރުކަޒީ ބޭންކުން، ރަންދިހަފަހެއްގެ ނަމުގައި އައު ނޫޓުސީރީޒް ތަޢާރަފްކުރައްވައި، ދިވެހިފައިސާގެ އައު ނޫޓް އިޤްތިޞާދުގައި ދައުރުކުރަން ފަށްޓަވާފައިވަނީ ޖެނުއަރީމަހުގެ 26 ވަނަދުވަހުގައެވެ. އެމްއެމްއޭއިން ވިދާޅުވީ އެ އޮތޯރިޓީއަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ވިޔަފާރީގައި ކުރީގެ ނޫޓުތައް ބޭނުންކުރަމުން އެބަދެއެވެ.

ކުރީގެ ނޫޓް ބޭނުންކުރާކަން ބޮޑަށް ފާހަގަކުރެއްވިފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގެ ރަށްރަށުގައި ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އެހެންކަމުން ކުރީގެ ނޫޓުތައް ރަންދިހަފަހެއްގެ ނޫޓަށް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މިއަދުން ފެށިގެން މިމަހު 29 ވަނަ ދުވަހުގެ ނިޔަލަށް، އެ އަތޮޅުތަކުގެ ތެރެއިން ބީއެމްއެލްގެ ބްރާންޗްތައް ނުހުންނަ ރަށްރަށަށް ޒިޔާރަތްކުރައްވަން  ފަށްޓަވަފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/8665.jpg|ރަން ދިހަފަހެއް ނޫޓް ސީރީޒް- ފޮޓޯ: އެމްއެމްއޭ

ރަންދިހަ ފަހެއް ބޭނުންކުރަން ފެށިފަހުން މިހާތަނަށް 3.12 ބިލިއަން ރުފިޔާގެ ރަންދިހަފަހެއްގެ ނޫޓު އެމްއެމްއޭއިން އިޤްތިޞާދުގެ ދައުރުވާ ފައިސާގެ ތެރެއަށް ނެރުއްވާފައިވާކަމަށް އެ ބޭންކުން ހާމަކުރައްވައެވެ. ނަމަވެސް ކުރީގެ ނޫޓްތަކުގެ 10 އިންސައްތަ އަދިވެސް އެ ބޭންކަށް ނުވަންނަކަމަށް ވިދާޅުވެއެވެ.

މިމަސް ނިމުމާއެކު ކުރީގެ ނޫޓުތަކުގެ ތެރެއިން 5 ރުފިޔާ ފިޔަވައި އެހެން ނޫޓް ވިޔަފާރިކުރުމުގައި ބޭނުން ނުކުރެވޭގޮތަށް ޤާނޫނީގޮތުން ކަނޑައަޅުއްވާފައިވާއިރު، ކުރީގެ ނޫޓުތައް ފަސޭހައިން ބަދަލުކުރުމުގެ ފުރުޞަތު ލިބިދެއްވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބޭންކަކުންވެސް މިއަހަރު ނިމެންދެން ކުރީގެ ނޫޓް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/5366.jpg|500ރ ގެ ނޫޓް ތަކެއް- ފޮޓޯ: ޕީއެސްްއެމް

ކުރިއަށް އޮތް 5 އަހަރުދުވަހު އެމްއެމްއޭއިންވެސް ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް އެބޭންކުން ވިދާޅުވެއެވެ. ދިވެހި ރުފިޔާގެ އާނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކަށްވުރެ ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ.

ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.