ރައްޔިތުން އިންތިޚާބުކޮށްފައިތިބޭ ފަރާތްތަކަށް ރައްޔިތުންގެ އިތުބާރުނެތްކަމަށް ފެންނަ ހާލަތުގައި، ވޯޓު ލެވޭ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ މަތިން ވޯޓު ލިބިގެން ވަކިކުރެވޭގޮތަށް އިސްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު އޮންނަގޮތުން، އިންތިޚާބީ ފަރާތްތައް ވަކިކުރެވޭނެ ގޮތެއް ނޯވެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން އިންތިޚާބުކުރުމަށްފަހު، ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ޤާނޫނަށް މިއަހަރު އިސްލާހު ގެންނަވަން ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަހަރު ސަރުކާރުގެ ފަރާތުން މަޖިލީހަށް 30 ބިލެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަދިވެސް ޤާނޫނުތަކާއި އުސޫލުތައް އޮތްގޮތުން، ޙަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ފުރިހަމަ މާނައިގައި ރައްޔިތުން ބާރުވެރިކުރުވައި އެއިޚްތިޔާރުތައް ރައްޔިތުންނަށް ދިނުމަށްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލާއި މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރުމަށްފަހު، ދެން ރައްޔިތުންނަށް އަތްލެވޭގޮތަށް މިހާރު އޮތް މަޤާމުތަކެއް ނޫންކަމަށެވެ. ނަމަވެސް އެކަން އޮންނަންވާނީ އެގޮތަށް ނޫންކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަމަށް ހުރަސް އެޅޭކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ހުށައަޅާ ބިލު ފާސްވުމުން، އިންތިޚާބީ މަޤާމުތަކުގައި ތިބޭ މީހުން، ރައްޔިތުންގެ އިތުބާރު ނެތް ހާލަތްތަކުގައި ވޯޓަކުން މަޤާމުން ވަކިކުރުމުގެ ބާރު ފުރިހަމައަށް ލިބިގެންދާނެކަމަށެވެ.
"ވޯޓު ލުމުގެ ޙައްޤު އޮތް މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވާނަމަ މަޤާމުން ވަކިކުރެވޭގޮތަށް އިސްލާހު ހުށައަޅާނީ. އެއީ ކައުންސިލް މެންބަރުން، މަޖިލިސް މެންބަރުން އަދި ރައީސްވިއަސް، އިންތިޚާބީ މަޤާމެއްގައި ހުންނަ ކޮންމެ މީހަކަށްވީ ނަމަވެސް. އޭރުން ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވޭނީ. މިހާރު ޗެކް އެންޑް ބެލެންސެއް ނެތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބަށްފަހު، ކުރާ ގޯސް ޢަމަލެއްގެ ސަބަބުން މަޤާމުން ވަކި ނުކުރެވޭގޮތަށް މިހާރު އޮތް އޮތުން ބަދަލުކުރަންޖެހޭކަމަށެވެ. ގޯސް އަމަލެއް ކޮށް، ދަޢުރުގެ 5 އަހަރު ނިމެންދެން، އެފަދަ ޙާލަތެއްގައި ތިބެން ދޫކޮށްލުމަކީ ރައްޔިތުންގެ ބާރު ކެނޑިގެންދާގޮތަށް އޮތް ކަމެއްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އިންސާފުވެރިކޮށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، އެފަދަ ފަރާތްތަށް މަޤާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ އަތަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.