ޚަބަރު

ޅޮހީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


މިލަދުންމަޑުލު ދެކުނުބުރީ ޅޮހީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.

ޅޮހީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. މިރަސްމީއްޔާތުގައި ބޭންކުގެެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާޅެންދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ބީއެމްއެލްގެ ސީއީއޯ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު އެކަމަށްޓަކައި ބޭނުންކުރެއްވި ރަމްޒީ ކާޑު ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޅޮހީ ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދެވެ.

މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭ ރަށްތައް އުފެދިފައިވާ ގޮތުން ބޭންކިންގެ ޚިދުމަތްތަކުން ރައްޔިތުން މަޙްރޫމްވާން ނުޖެހޭކަމަށެވެ. އަދި މާލެ ނޫން ރަށްތަކުގައިވެސްއޭޓީއެމްތަކުން ކުރާ މުޢާމަލާތްތައް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 200،000 އަށް ވުރެ ގިނަ މުއާމަލާ ކުރެވިފައިވާއިރު އެއީ 1.3 ބިލއަަންނރުފިޔާ ކަަމަށެވެ.

ޅޮހީގައިވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މިލަދުއްމަޑުލުގެ ދެކުނު ބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި ޅޮހި ހިމެނޭހެން 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތްވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓިއެމްއިން ޚިދުމަތް ދޭމުންދާނެ ކަމަށް ވިދާޅުވެފައެވެ.