ޚަބަރު

ޓްރަމްޕްގެ ދަތުރާ ދިމާކޮށް އުދުވާނު ވަރުގަދަކޮށްް، މިއަދު ވެސް ޣައްޒާގެ 70މީހުން ޝަހީދުކޮށްލައިފި


ނިރުބަވެރި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 70 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޔަހޫދީން ޣައްޒާގެ ރައްޔިތުން ޖެހިލުމެއްނެތި ކަތިލަމުން ދާއިރު ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކަށް ދަތުރުކުރައްވަމުންނެވެ. އެމެރިކާއާއި ޢަރަބި ޤައުމުތަކުން ދަނީ ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ބާރުއަޅަމުންނެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް ދީފައި ވަނީ އަލް-ނަކްބާ ނުވަތަ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން އެ މީހުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ހާދިޘާގެ ހަނދާން ފަލަސްޠީނުގެ ރައްޔިތުން އައު ކުރާ ދުވަހުއެވެ.

ޔަހޫދީން ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ ގޭގެއާއި ފޭލިގެތަކަށް ދިން ވައިގެ ޙަމަލާތަކުގައެެވެ. ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ އަޤްޞާ ރޭޑިޔޯ ސްޓޭޝަންގެ ނޫސްވެރިއެއް ކަމަށްވާ ޙަސަން ސަމޫރު ވެސް ހިމެނެއެވެ. އޭނާގެ ގެއަށް ދިން ޙަމަލާގައި އެ ޢާއިލާގެ އިތުރު 11 މީހުން ވެސް ޝަހީދުވެފައިވެއެވެ.

ޣައްޒާގައި 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު ހަނގުރާމައިގެ ޙާލަތުގައި އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރު ވަނީ ގެއްލިފައެެވެ. ޣައްޒާގެ ބައެއް ރައްޔިތުން ސިފަ ކުރާ ގޮތުގައި ޣައްޒާގެ އަދުގެ ޙާލަތު ނަކްބާގެ ދުވަސްވަރުގެ ޙާލަތަށް ވުރެ އެތައް ގުނައެއް ގޯހެވެ. ޣައްޒާގެ ރައްޔިތުންގެ ވަށައިގެން ވަނީ ލޭއޮހޮރުވުމާއި އަނިޔާވެރިކަން ކަމަށާއި މަރު ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

ފަލަސްޠީނުގެ ރައްޔިތުން އުންމީދު ކޮށްގެން ތިބީ މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅަކީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް އެ މަނިކުފާނު ހިތްވަރު ދެއްވާނެ ދަތުރަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ފަލަސްޠީނުގެ ޞިއްޙީ އޮފިޝަލުން ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕް ސަޢުދީ ޢަރަބިއްޔާއަށާއި ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވި ފަހުން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. މެއި މަހުގެ 14ވަނަ ދުވަހު ވެސް ޔަހޫދީން ދިން ވަރުގަދަ ޙަމަލާތަކުގައި 80 މީހުން ޝަހީދު ކޮށްލާފައިވެއެވެ.

އެމެރިކާއާއި ޤަޠަރާއި މިޞްރު މެދުވެރިވެ ޔަހޫދީންނާއި ޙަމާސްއާ ދެމެދު ޤަޠަރުގެ ދައުޙާގައި ކުރަމުންދާ ޢުދުވާން ހުއްޓައިލުމާ ގުޅޭ ނުސީދާ މަޝްވަރާތަކުގައި މިހާތަން މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޙަމާސުން ބުނަމުން ދަނީ ޣައްޒާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެންނަ ނަމަ އެ ޖަމާޢަތުން ރަހީނުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީ އަސީރުން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލަން ބޭނުމެއް ނުވެއެވެ. ނަތަންޔާހޫ ބޭނުންވަނީ ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރަން ހުއްޓައިލާށެވެ. ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލެވޭނީ ޙަމާސް ޖަމާޢަތް ނައްތާލެވުމުން ކަމަށް އޭނާ ބުނެއެވެ. ޢުދުވާން ހުއްޓައިލުމާ ގުޅޭ މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި އޮތީ ހަނގުރާމައިގެ ޙާލަތު ދަމަހައްޓަން ޔަހޫދީން ބޭނުންވާތީ ކަމަށެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު

ޙަމާސުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު އެ ޖަމާޢަތުން ޒަޔަނިސްޓުންގެ އިސްރާއީލަށް ދިން ޖިހާދީ ޙަމަލާތަކެއްގައެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52،900އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ޔަހޫދީން ބައިވެރިވަމުން ދަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދެމުންދާ ޙާލުގައި ކަމަށެވެ. ޙަމާސުން ދާދި ފަހުން އެމެރިކާއަށް ނިޞްބަތްވާ ޔަހޫދީ އަސީރެއް މިނިވަން ކުރުމުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ލިބި، ޢުދުވާން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކަށް ކުުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށް އެ ޖަމާއަތުން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ކުރިން އެމެރިކާއާއެކު ވާހަކަ ދެކެވިފައިވާ ގޮތް ކަމަށް ޙަމާސުން ބުނެއެވެ. ނަމަވެސް އެ ގޮތަށް އެ ކަން ނުވުމުން އަސީރުން ބަދަލު ކުރުމާ ގުޅޭ މަޝްވަރަތަކަށް ހިޔަނި އެޅޭނެ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.