ޚަބަރު

އަންހެން މީހާ ވެއްޓުނު ހާދިސާ: ކޮމިޝަންގެ ބާރުތައް ބަޔާންކޮށް، ޤަވާޢިދު އެކުލަވާލައިފި


  • މި ކޮމިޝަން އުފައްދަވާފައިވަނީ މިދިޔަމަހު

  • މި ކޮމިޝަނުގައި 5 މެންބަރުން ތިއްބަވާ

މިިދިޔަ މަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތްތައް ނިންމަން ވަކި މުއްދަތެއް ނެތްގޮތަށް ކޮމިޝަންގެ ޤަވާއިދު އެކުލަވާލައިފިއެވެ.

މިމައްސަލަ ބަލައި، މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ކޮމިޝަނެއް އުފައްދަވާފައިވަނީ މިދިޔަމަހުގައެވެ. މި ކޮމިޝަންގައި 5 މެންބަރުން ތިއްބަވައެވެ.

މި ކޮމިޝަންގެ ހިންގާ ޤަވާޢިދު އެކުލަވާލާފައިވާއިރު ޤަވައިދުގައި ކޮމިޝަންއަށް ލިބިގެންވާ ބާރުތަކާއި ސިއްރު ހިފެހެއްޓުމާއި ކޮމިޝަންގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއ،ި ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމަކީވެސް ކޮމިޝަނަށް ލިބިގެންވާ ބާރެކެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުނ،ް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި ބަޔާންކުރ،ާ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ހިމެނެއެވެ. އަދި ހައްޔަރު އަމުރާއ،ި ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުތަކުގައިއެދުމާއި ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެންސުވާލުކުރުމުގެ ބާރުވެސް ލިބިގެންވެއެވެ. އަދި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއ،ި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމާއި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމ،ަ އެ ތަޙުޤީޤަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއ،ި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއ،ި ހެއްކާއ،ި ޤަރީނާތަކާއ،ި އެނޫން ވެސް މަޢުލޫމާތު ހޯދުންވެސް ހިމެނެއެވެ.

މި ޤަވާޢިދުގައި ވަނީ ކޮމިޝަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއ،ް ދައްކާ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައެވެ.

ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއްވެސްވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތުތައް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޔުމްނު އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސް އިތުރުފަރުވާ ދޭން ފަށާފައެވެ. ޔުމްނު ވެއްޓުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަމުންދާއިރު، މި މައްސަލައިގަ އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.