ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމަކާއެކު ކުޅެން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް މަހިބަދޫ ސްޕޯޓްސް ކުލަބުގެ މެޑިކަލް އޮފިސަރު ސައިފުﷲ އަލީ ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ މާޒިޔާއާއި ބައްދަލުކޮށް 0-7 ގެ ނަތީޖާއަކުން މަހިބަދޫ ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސައިފުﷲ ބުނީ މުބާރާތަށް ޓީމު ނިކުތީ އެއްވެސް ފަރިތަކުރުމަކާއި ނުލާ ކަމަށް ވިޔަސް ކުޅުންތެރިން ކުރި ހިތްވަރާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"ރޯދަމަސް ފެށުނީންސުރެ ނުކުޅެ މިދިޔައީ. އަޅުގަނޑުމެން އެތަން މިތަނުން ޕްލޭޔަރުން ގެނެސްގެން ޓީމެއް އެކުލަވާލައިގެން މި މުބާރާތަށް އައީ. އަނެއްހެން އެއްވެސް ވަރަކަށް ޕްރެކްޓިހެއް ނުކޮށް ދެ މެޗުގައި މި ކުޅުނީ މިވީ ވަރަށް ބަލާފަ އަލްހަމްދުﷲ ވަރަށް ރަނގަޅޭ ބުނާނީ" ސައިފުﷲ ބުންޏެވެ.
ސައިފުﷲ ބުނީ މަހިބަދޫ ޓީމުގެ ކުޅުންތެރިންނަކީ ހަމައެކަނި ފުޓްބޯޅައަށް ހުސްވެގެންތިބި ބައެއް ނޫންކަމަށާއި، އެ ކުޅުންތެރިންނަކީ ރަށުގައި ވަޒީފާއަދާކުރަމުން ބުރަކޮށް އުޅޭ ކުޅުންތެރިންތަކެއް ކަމަށެވެ.
އަދި ރަށުގައި އެންމެ ފަހުން ކުޅުނީ އޮފީސްތަކުގެ ފުޓްސަލް މުބާރާތެއް ކަމަށާއި، އޭގެ ފަހުން އެ ކުޅުންތެރިން ފުޓްބޯޅައިގެ ވާދަވެރި މެޗުތަކެއްވެސް ކުޅެފައިނުވާކަމަށެވެ. ރަށުގައި ފަރިތަކުރުންތައް ބޭއްވުމުގައި ހުރި ދަތިތައްވެސް ސައިފުﷲ ވަނީ ޕީއެސްއެމް ނިއުސްއާއި ހިއްސާ ކޮށްފައެވެ.
"އޮފީސް މުބާރާތެއް މިދޭތެރެއިން އޮތީ. ރަށުގައި ހުރިހާ ކަމެއް ކުރަން މި އޮންނަނީ އެންމެ ދަނޑެއް.
ދެން އޮފީސް މުބާރާތުގައި ކުޅޭ ގިނަ މީހުން މިއުޅެނީ މި ޓީމުގަ. އަނެއްހެން ބުނަންޏާ އެންމެ ޕްރެކްޓިހެއްވެސް ނުކޮށް އައިސް (ލީގުކަޕްގައި) ފުރަތަމަ މެޗުވެސް ކުޅުނީ" ސައިފުﷲ ބުންޏެވެ.
މުބާރާތުގައި ސަޕޯޓަރުންގެ ފޯރި ކުޑަކަމަށް އިޝާރާތްކުރަމުން ސައިފުﷲ ބުނީ މިހާރު ރާއްޖޭގައި ސަޕޯޓަރުންގެ ފޯރި އާއި ތަރުހީބު ފެންނަނީ ވަރަށް ދަށްކޮށް ކަމަށެވެ. އެއީ ހަމައެކަނި މަހިބަދޫގައި ނޫންކަމަށާއި، ލީގު ފުޓްބޯޅައިގައި ސަޕޯޓަރުންގެ ފޯރި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަށްކަމަށް ސައިފުﷲ ބުންޏެވެ.