މީޑިއާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ޝަރުޢީ ބައެއް ކޯޓްތަކުގެ އިސް ފަނޑިޔާރުން ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެނެވެ. މި ބައްދަލުކުރެއްވުމުގައި މީޑިއާގެ މިނިވަންކަން ދަމަހައްޓަވައި ބިނާކުރަނިވި މީޑިއާ ވެއްޓެއް ޤާއިމުކުރެއްވުމަށް ބޭނުންވާ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓެވުމަށްޓަކައި މީޑިއާއާއި ކޯޓުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގެޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބައެއް ކަންކަމުގައި ދެފަރާތުގެ ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރައްވާފައިވެއެވެ.
ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ހަރަކާތްތަކަކީ ޝަރުޢީ ދާއިރާއަކީ މީޑިއާއާ ރައްޓެހި ދާއިރާއެއްގެ ގޮތުގައި ހެއްދެވުމަށް ކުރިއަށްގެންދަވާ ހަރަކާތްތަކެކެވެ.
މި ހަރަކާތުގެ ތެރޭގައި ހިމަނުއްވައިގެން މާލޭގައި ހުރި ޝަރުޢީ ކޯޓުތަކުގެ އެތެރެ ވީޑިއޯ ކުރުމުގެ ފުރުޞަތު މީޑިއާތަކަށް ވަނީ ހުޅުވާލައްވާފައެވެ. ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ އެންމެ ފަހު ހަރަކާތްތައް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން މާދަމާ ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މީޑިއާގެ ފަރާތްތަކަށް ޚާއްޞަކުރައްވައިގެން ޝަރުޢީ ދާއިރާއިން ހިންގަވާ ވޯކްޝޮޕެކެވެ.
މި ހަރަކާތަކީ "ޖުޑީޝަރީ އަހަރު 2016" ފާހަގަކުރެއްވުމުގެ ތެރޭގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހުށައެޅުއްވުމަކަށް ކުރިއަށްގެންދަވާ ހަރަކާތެކެވެ.