ޚަބަރު

އާރްއެސްއެފްގެ ޙަމަލާއެއް އަނެއްކާ ވެސް ސޫދާންގެ އަލް-ފާޝިރަށް، ހަތް މީހުން މަރާލާފައިވޭ


ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން ދިން ޙަމަލާއެއްގައި ހަތް މީހުން މަރުވެފައިވާ ކަމަށް ސޫދާނުން ބުނެފިއެވެ.

ސޫދާނީސް އާމްޑް ފޯސަސް، އެސްއޭއެފުން ނެރުނު ބަޔާނެއްގައި ބުނީ ސޫދާންގެ ހުޅަނގުގެ ސަރަޙައްދެއް ކަަމަށްވާ އުތުރު ދާރްފޫރުގެ ވެރިރަށް، އަލް-ފާޝިރުގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް އާރްއެސްއެފުން ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޙަމަލާގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 7 މީހުން މަރުވެފައިވާއިރު 15 މީހުން ޒަޚަމްވެފައިވާ ކަމަށް އެސްްއޭއެފުން ބުނެއެވެ.

މެއި މަހުގެ 11ވަނަ ދުވަހު ވެސް އާރްއެސްއެފުން އަލްފަޝިރަށް ޙަމަލާއެއް ދީފައިވެއެވެ. އާރްއެސްއެފުން ބުނީ އެ ޙަމަލާގައި ވެސް ނުވަ މީހުން މަރާލާފައިވާ ކަމަށެވެ.

އާރްއެސްއެފްގެ ބާރުގެ ދަށަށް އަލް-ފާޝިރު ގެނައުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. 2024ވަނަ އަހަރުގެ މެއި މަހުން ފެށިގެން އަލް-ފާޝިރުގައި އެސްއޭއެފާއި އާރްއެސްއެފާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައެވެ. ދާރްފޫރުގެ އިތުރު ފަސް ސްޓޭޓަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މައި މަރުކަޒުގެ ގޮތުގައި އޮންނަ އަލް-ފާޝިރުގައި ތަޅާފޮޅުމާއި ލޭއޮހޮރުވުންތައް ހިނގާ ނަމަ އެއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބައިނަލްެއަޤްވާމީ ދުނިޔެއިން ދަނީ ބުނަމުންނެވެ.

‎ސޫދާންގައި އަހުލީހަނގުރާމަ ފެށިގެން ދިޔައީ، 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ އެކުގައެވެ. މި ހަނގުރާމައާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަނގުރާމައިގެ ސަބަބުން މިހާތަނަށް 20،000އަށްވުރެ ގިނަ މީހުން މަރުވެ 15 މިލިޔަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދއާއި ސޫދާންގެ އިދާރާތަކުން ބުނެއެވެ. ނަމަވެސް ބައެއް ރިސަރޗު ގުރޫޕުތަކުން ވަނީ މަރުވި މީހުންގެ ޢަދަދު 130،000އަށް އަރާ ކަމަށް ބުނެފައެވެ. ހަނގުރާމައިގެ ޙާލަތުގެ ސަބަބުން ސޫދާނުން މިހާރު ތަހައްމަލް ކުރަމުންދަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިންސާނީ ކާރިޘާ ކަމަށް އދ ބުނެއެވެ.