ޚަބަރު

ފުވައްމުލަކުގެ ބަހުރުވަ ދިރުވާ އާލާކުރުމަށް ބަހުސް މުބާރަތެއް


ފުވައްމުލަކުގެ ބަހުރުވަ ދިރުވާ އާލާ ކުރުމުގެ ގޮތުން ބަހުސް މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ފުވައްމުލަކު އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ފުވައްމުލަކު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ދިވެހި ބަހުގެ އެކަޑަމީގެ ފަންނީ އެހީތެރިކަމާއެކު މިރެއިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބަހުސް މުބާރާތުގައި 8 ޓީމަކުން ބައިވެރިވެފައިވޭ.

"މާދަނޑު ކައުންސިލް އަފުންގެ ބަހަ ބަހުސް މުބާރާތް 2016" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ ފުވައްމުލަކުގެ ބަހުރުވަ އަކީ މުޅި ރާއްޖޭގެ އެންމެންނަށް އެނގޭނެ ބަހުރުވަޔަކަށް ހަދާ މި ބަހުރުވަޔަށް މީހުން އަހުލުވެރިކުރުމުގެ ބޭނުމުގައި ރާވާފައިވާ ހަރަކާތެއްކަމަށް ފުވައްމުލަކު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ. އެޖަމްޢިއްޔާގެ ސެކްރެޓްރީ ޖެނެރަލް ފާތިމަތު ޝުކުރީ ބުނީ، ބަހުސް ކުރާނެ މައުޟޫޢުތައް ކަނޑައަޅާފައިވަނީ ފުވައްމުލަކާއި ގުޅޭގޮތުންކަމަށާއި މި މުބާރާތް މިފަހަރު ހުޅުވާލާފައިވާނީ އޮފީސްތަކާއި ކުންފުނިތަކަށް ކަމަށެވެ.