އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގަކްޕޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި އޭގެ މިނިޓެއް ފަހުން ލުއިސް ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން ދެ ލަނޑު ޖެހުމާއެކު މި މެޗުން އާސެނަލް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެދާނެކަމަށް ބެލެވުނު ނަމަވެސް، ދެވަނަ ހާފުގައި މިކޭލް އާޓޭޓާގެ ޓީމުން ވަނީ އެ ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ގެބްރިއެލް މާޓިނެއްލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ނަތީޖާ އާސެނަލްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި ލަނޑު އޭނާ ޖެހިތާ ނުވަ މިނިޓު ފަހުން ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ މިކޭލް މެރީނޯ ދަނޑުން ފޮނުވާލާފައެވެ.
މި ނަތީޖާ އާއެކު އާސެނަލް އާއި ލިވަޕޫލްއާ ދެމެދު އަދިވެސް 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މީގެ އިތުރުން ޕްރިމިއަރ ލީގުގައި ރޭ ލީގުގެ ގަދަ ފަހެއްގައި ހިމެނުމަށް ނޮޓިންހަމް ފޮރެސްޓަށް ލިބުނު ރަނުގެ ފުރުސަތު އެ ޓީމުން ވަނީ ނަގާލާފައެވެ.
ރެލިގޭޓުވެފައިވާ ލެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, މި ނަތީޖާ އާއެކު ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ފޮރެސްޓަށް އޮތް އަމިއްލަ ބާރުވަނީ ކުޑަވެފައެވެ.
މެޗުގެ 16 ވަނަ މިނިޓުގައި ލެސްޓަރ ސިޓީގެ ކޯޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 9 މިނިޓު ފަހުން ފޮރެސްޓްގެ ގިބްސް ވައިޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ފޮރެސްޓަށް ކުރި ހޯދަދިފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ލެސްޓަރގެ އާޖެންޓީނާ މިޑްފީލްޑަރު ބޯނަނޮޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ފޮރެސްޓް ބަލިވެފައިވާއިރު، މި މެޗު ބެލުމަށް އެ ޓީމުގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ވަނީ ދަނޑަށް ގޮސްފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާއިއެކު އޭނާ ވަނީ ދަނޑު މައްޗަށް އަރައި ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯއާ ވާހަކަ ދައްކައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.