އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.
އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޗެލްސީއަށް މި ނަތީޖާ އާއެކު ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މި މެޗުން ޗެލްސީ ބަލިވިއިރު އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ. ނިއުކާސަލް ވަނީ 66 ޕޮއިންޓާއެކު ތާޥަލުގެ ތިންވަނައަށް އަރާފަ އެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 2 ވަނަ މިނިޓުގައި ސެންޑްރޯ ޓޮނާލީ ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމަށް ވަނީ ކުރި ލިބިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގައި ޗެލްސީއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ފޯވަޑް ނިކޮލަސް ޖެކްސަން އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ނިއުކާސަލްގެ ޑިފެންޑަރ ސްވެން ބޮޓްމަން އަށް ހަމަލާ ދިނުމާއި ގުޅިގެން ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ރީނދޫ ކާޑު ކެންސަލްކޮށް ރަތް ކާޑެއް ދައްކާފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރު ކުރުމަށް ޗެލްސީއަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކެޕްޓަން ރީސް ޖޭމްސް އާއި މާކް ކުކުރެޔާގެ އިތުރުން އެންޒޯ ފެނާންޑޭޒް އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ރީސް ޖޭމްސް އޭރިޔާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރު ވެފައިވާއިރު އަނެއް ދެ ހަމަލާ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ.
ނިއުކާސަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފަހު މިނިޓުގައި ބްރޫނޯ ގުއިމަރޭޒް އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލާފައިވާ ލަނޑެކެވެ.