ސިޔާސީ

ޕީޕިއެމް ކައުންސިލް ބައްދަލުވުން ކޯރަމް ގެއްލުމުން ނިންމާލައިފި


ޕީ.ޕީ.އެމް ކައުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވުން ކޯރަމްގެއްލުމުގެ ސަބަބުން ނިންމާލައިފިއެވެ.

ޕީ.ޕީ.އެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށާއި، ޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލްޤައްޔޫމް ހުށައަޅުއްވާފައިވާ އިސްލާހީ ޕްރޮގްރާމާއި ގުޅޭ ގޮތުން ޕީ.ޕީ.އެމްގެ އޮފީހުގައި އެޕާޓީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރިޔާސަތުގައި އިންނަވައިގެން ބޭއްވި ކައުންސިލް ކުއްލި ބައްދަލުވުން ނިންމާލެއްވީ އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން 21 މެންބަރަކު ބައްދަލުވުން ދޫކޮށް ދިޔުމުންނެވެ.

އެމެންބަރުން ވިދާޅުވީ، ސުލޫކީ ކޮމެޓީން، ޕާޓީން  ވަކިކުރައްވަން ފާސްކުރެއްވި ދެމެންބަރަކު ކައުންސިލް ބައްދަލުވުމުގައި ތިއްބަވައިގެން ކުރިއަށްގެންދަވަން ބޭނުންފުޅުނުވާކަމަށެވެ.

މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީ.ޕީ.އެމްގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނާއި، އެޕާޓީގެ މެންބަރު އާމިނަތު ނާދިރާ ވަކި ކުރީ އެކޮމެޓީގެ 7 މެންބަރުންގެ ތެރެއިން 3 މެންބަރުން ތިބެގެން ކޯރަމް ހަމަނުކޮށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ކަންކަން އިސްލާހުކުރެއްވުމަށް ހުށައެޅުއްވި ސަބަބު ކައުންސިލް ބައްދަލުވުމުގެ މެންބަރުންނަށް މިހާރު އެނގިލައްވާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ޕާޓީގެ އެތެރޭގައި އުފެދިފައިވާ މައްސަލަ މަޝްވަރާކުރައްވައިގެން ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކައުންސިލް ބައްދަލުވުމުން ވަކިވެވަޑައިގެން މެންބަރުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބައްދަލުވުމުން ވަކިވީ، ޕާޓީގެ އުސޫލުތަކަށް ތަބާވުމަށްކަމަށާއި، ސުލޫކީ ކޮމެޓީން ވަކިކުރައްވާފައިވާ ދެ މެންބަރުން ތިއްބަވައިގެން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި ފާރިސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން  ނިންމެވީ، ދެފަހަރެއްގެ މަތީން ޕާޓީގެ ވިޕް ލައިނާ ޚިލާފަށް މަޖިލީހުގައި ވޯޓު ދެއްވުމުންކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ ތެރޭގައި  އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރެއްވުމަށް ޖަދަލުނުކޮށް މަޝްވަރާކޮށްގެން ކުރިއަށްދާން އެމެންބަރުންވެސްވަނީ އިއްތިފާގުވެފައެވެ.

ކައުންސިލް ބައްދަލުވުމުން ވަކިވެވަޑައިގެން މެމްބަރުން ވިދާޅުވެފައިވަނީ މަޝްވަރާކޮށްގެން މިހާރު އުފެދިފައިވާ މައްސަލަ ޙައްލުކުރެވޭނެ ކަމަށެވެ.