ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައި ނުވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިގޮތަށް ހާމަކުރައްވާފައިވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެވުޒާރާއިން ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީޚެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ރާއްޖެއާ އެކުވެރި، ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ޚާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ޚާރިޖީ ވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.