ޚަބަރު

ކުޑަކުދިންނަށް މުހިންމީ، ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން: މެޑަމް ސާޖިދާ


  • ކުޑަކުދިންނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރެއްވި

ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިޔާގެ އަނބިކަނބަލުންގެ ޕޯސްޓްގައި ވިދާޅުވީ، ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުންކަމަށެވެ. އަދި ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނަށް ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން މުހިއްމުކަން އެކަމަނާ ފާހަގަކުރައްވާފައިވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް" ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން، ކުޑަކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގެންދަވަނީ ގުޅުހުން ހުރި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކުވެސް މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރުމަށް ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އަދި ޔުނިސެފް ފަދަ ކުޑަކުދިންނާ ގުޅުންހުރި އަދި އެކުދިންގެ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އެއްބާރުލުންދެއްވުމުގެ ގޮތުން މަސައްކަތްތަކެއް ކުރައްވަމުންނެވެ.