ޚަބަރު

ނަޒާހަތްތެރިކަމުގެ ވައުދުގައި އެންޑީއޭ އިން ސޮއިކުރައްވައިފި


ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ނެޝަނަލް ޑްރަގް އެޖެންސީން ސޮއިކުރައްވައިފިއެވެ.

ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުވުމުގެ ބޭނުމަކީ، ދައުލަތުގެ މުއައްޒަފުން ޒިންމާދާރުކުރުމާއި، ނަޒާޙަތްތެރިވުމަށް ބާރުއެޅުއްވުމާއި، ދައުލަތުން ދެއްވާ ޚިދުމަތް އިންސާފުވެރިކަމާއެކު، ދިނުމުގައި ދެފުށްފެންނަގޮތަކަށް ކަންކަން ކުރުމަށް ހަނދާންކޮށްދެއްވައި އެކަމަށް ބާރުއެޅުއްވުމެވެ. އަދި ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެމަތިން ކުރުމަށް މުއައްޒަފުންނަށް ހަނދުމަކޮށްދެއްވުން ނުވަތަ ބާރުއެޅުއްވުމެވެ.

މިއަދު ނެޝަނަލް ޑްރަގް އެޖެންސީގައި މިކަމަށްޓަކައި ބެއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގައި ވަނީ ނެޝަނަލް ޑްރަގްއެޖެންސީގެ މުވައްޒަފުންނާއި، އެތަނުގެ އިސްވެރިންވެސް ސޮއިކުރައްވާފައެވެ.

ނަޒާޙަތްތެރިކަމުގެ ވަޢުދުގެ ނަމުގައި ދައުލަތުގެ މުއްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ސޮއިކުރާގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަނުން 2012 ވަނަ އަހަރު ފެއްޓެވި ކެމްޕެއިންގެ ތެރޭގައި ހިމަނުއްވައިގެން ކެމްޕެއިންގެ ނަން "ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދު" މިނަމަށް ބަދަލުކުރައްވައި މި ކެމްޕެއިން އެ ކޮމިޝަނުން ފެއްޓެވީ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.