ވިޔަފާރި

"އަމާޒަކީ ފެންވަރު ރަނގަޅު ބޭންކިންގެ ޚިދުމަތެއް ދިނުން"


އަމާޒަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ރާއްޖެގައި ފެންވަރު ރަނގަޅު ބޭންކިންގެ ޚިދުމަތްތައް ދިނުން ކަމަށް ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ދިލާން ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްއަކީ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ 45 އިންސައްތަ އަދި ސްރީލަންކާގެ ބޭންކެއް ކަމަށްވާ ކޮމަރޝަލް ބޭންކް އޮފް ސިލޯންއިން 55 އިންސައްތަ ޙިއްޞާކުރާ ބޭންކެކެވެ.

ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި ކޮމަރޝަލް ބޭންކް އޮފް ސިލޯން ގުޅިގެން ރާއްޖޭގައި ކޮމަރޝަލް ބޭންކެއް ހިންގުމުގެ ހުއްދަ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެފަރާތްތައް ދެއްވައިފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ.

ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ބޭންކް ހުޅުވުމަށް ހަމަޖެހިފައިވަނީ އަމީރު އަޙްމަދު މަގުގައެވެ. ބޭންކް ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރެވެމުންނެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ދިލާން ރާޖަޕަކްސާ ވިދާޅުވީ އެ ބޭންކުން ރީޓެއިލް ބޭންކިންގެ ޚިދުމަތާއި ކޯރޕަރޭޓް ބޭންކިންގެ ޚިދުމަތް ދޭނެ ކަމަށެވެ.

އެ ބޭންކްގެ ޚިދުމަތް ފުރަތަމަ ދޭން ފަށަނީ މާލޭގައި އެކަނިކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި ބޭންކުގެ ޚިދުމަތް އަތޮޅުތެރެއަށްވެސް ފުޅާކުރުމަށް ވިސްނާފައިވާ ކަމަށް ކޮމަރޝިއަލް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ދިލާން ރާޖަޕަކްސާ ވިދާޅުވިއެވެ.

ކޮމަރޝަލް ބޭންކް އޮފް ސިލޯނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްހާސް ބޭންކްގެ ތެރޭގައި ހިމެނޭ ބޭންކެކެވެ. ރާއްޖެ ހިމެނޭ ސަރަޙައްދުން، ބަންގްލަދޭޝް އަދި މިއަންމާގައި މި ބޭންކްގެ އައުޓްލެޓްތަކާއި ރެޕްރެޒެންޓޭޓިވް އޮފީސްތައް ހުރެއެވެ. އަދި އިޓަލީގައި މަނީ ޓްރާންސްފަރ އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ ދާދި ފަހުން އެބޭންކަށް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކާއި ދިވެހި ވިޔަފާރިތަކަށް އެކަށީގެންވާވަރުގެ ކޮމާރޝަލް ބޭންކެއްގެ ޚިދުމަތް ނެތުމުގެ މައްސަލައަކީ، ވިޔަފާރިއާއި އިޤްތިޞާދާ ގުޅޭގޮތުން ރާއްޖޭގައި ބޭއްވޭ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ތަކުރާރުކޮށް ފާހަގަކުރަމުން އަންނަ ކަމެކެވެ. އަދި މިކަމަށް ސަރުކާރުން އެކި ދުވަސްވަރު އެކިވަރުގެ މަސައްކަތް އައީ ކުރަމުންނެވެ. ދިވެހިސަރުކާރުގެ މިހާރުގެ ސިޔާސަތުގައި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ވިޔަފާރިއާއި އިވެސްޓްމަންޓް އިތުރުކޮށް ފުޅާކުރުމަކީ އިސްކަންދެއްވާ ކަމަކަށްވުމާއެކު މިފަދަ ބޭންކެއްގެ ޚިދުމަތް ރާއްޖޭގައި ފެށޭނެ މަގުފަހިކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.