ޚަބަރު

އެމްއެންޑީއެފާއި އިމިގްރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި


މޯލްޑިވްސް ނޭޝަނަލްޑިފެންސް ފޯސް އާއި މޯލްޑިވްސް އިމިގްރޭޝަން އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.

މި އެއްބަސްވުމަކީ އެމްއެންޑީއެފާއި އިމިގްރޭޝަން، މި ދެމުއައްސަސާއިން ޤާނޫނީ ގޮތުން ހަވާލުކުރެވިފައިވާ މަސައްކަތްތަކުގައި ދެފަރާތުން އެއްބާރުލުން ފޯރުކޮށްދީ އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމާއި މަޢުލޫމާތު ހިއްސާކޮށް، އެއްވިސްނުމެއްގައި މަސައްކަތްކުރުމުގެ ރޫހާއި މަގު ތަނަވަސްކުރުމަށް ވެވުނު އެއްބަސްވުމެކަމަށް އެމެއެންޑީއެފުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސް ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް އާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޢަބްދުﷲ އަލްގީންގެ އިތުރުން އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.