ތަޢުލީމު

500 ނަރުހުން ތަމްރީނު ކުރަނީ


ފަސްސަތޭކަ ނަރުހުން ތަމްރީނުކުރެއްވުމަށް ސަރުކާރުން އިޢުލާންކުރެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ޓިވެޓް އޮތޯރިޓީން ހުޅުވާލައިފިއެވެ.

މިއީ، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޤައުމީ ޔުނިވަރސިޓީ ގުޅިވަޑައިގެން ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މީހުން ތަމްރީނުކުރައްވާނީ ޑިޕްލޮމާ ފެންވަރަށާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ފެންވަރަށެވެ. ޑިޕްލޮމާ ކޯސް ހިންގަވާނީ 3 އަހަރުގެ މުއްދަތަށެވެ. އަދި ލެވެލް ހަތަރެއްގެ ކޯސްތައް ހިންގެވުމަށް ހަމަޖެހިފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.

މިކޯހަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ލިބިދިނުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގައެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ މަހުގެ ހަތެއްގައެވެ.