ޚަބަރު

އައިއެންއައިއޭގެ އާ ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކަން ފަށަނީ


ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރޯށިކަމަށްވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރެއްވުމަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތްކަމަށް ސަރުކާރާއި ރާއްޖޭގެ އިޤްތިޞާދީ ބައިވެރިން ޤަބޫލުކުރައްވައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އެހެން ވިޔަފާރިތައް ފުޅާކުރުމަށާއި ވައިގެ ދަތުރުފަތުރުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީވެސް އިބްރާހީމް ނާޞިރު އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމެވެ. އެއާޕޯޓްގެ އާ ރަންވޭ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކަން އަންނަ ހޯމަ ދުވަހު ފެށުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ. އެމްއޭސީއެލްއިން ބުނީ މި މަސައްކަތް ފެށުމައްޓަކައި ހުޅުމާލެއަށް ދަތުރުކުރާ ދަތުވެރިންގެ ރައްކަލަކަށް ހުޅުމާލެއަށް އުޅަނދު ފަހަރުވަނުމަށް އާނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެއާޕޯޓުގައި އާ ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ޑްރެޖަރެއް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ޗައިނާގެ ބީޔޫސީޖީން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އިތުރު ޑްރެޖަރެއް ވެސް ގެންނަން ނިންމާފަވާކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުން އަންނަ ހަފްތާގައި ފަށާއިރު އަމާޒަކީ މިމަސައްކަތް 5 މަހުގެތެރޭގައި ނިންމުންކަމަށް އެމްއެމްއޭސިލުން ބުނެއެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލުމަކީވެސް އަމާޒެއްކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އެއަރޕޯޓްގެ އާ ރަންވޭއަކީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ރަންވޭއެކެވެ. މި ރަންވޭ ހައްދަވަނީ، ދުނިޔޭގައި ބޭނުންކުރެވޭ އެންމެ ބޮޑެތި މަތިންދާބޯޓްކަމުގައިވާ އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށް ޖެއްސޭ ފެންވަރަށެވެ.

މި ރަންވޭ ހަދައި މިހާރު އެއަރޕޯޓްގައި އޮތް ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން، މިހާރު އެއަރޕޯޓަށް ބޯޓްފަހަރު ޖައްސަން ޖާގަ ނުލިބުމާއި ފުލައިޓް ޑީލޭވުމުގެ މައްސަލައާއި އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން މަޢުލޫމާތުދެއެވެ. އެއީ ކޮންމެ ބޯޓެއްވެސް އެއަރޕޯޓަށް ޖެއްސުމާއެކު ޓެކްސީވޭއަށް ބަދަލުވުމުން މައި ރަންވޭ ހުސްވެ، އެހެން ބޯޓްފަހުރު ޖައްސުމަށާއި ފުރުމަށް ޖާގަ ތަނަވަސްވެގެންދާނެތީކަމަށް އެމްއޭސީއެލުން ބުނެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މައިގަނޑު 2 ބައިގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި ހިމެނިގެން ރަންވޭގެ އިތުރަށް ދެން ކުރެވޭ އެންމެ މައިގަނޑު އެއް މަސައްކަތަކީ، އެއަރޕޯޓްގެ ފިއުލްފާރމް ތަރައްޤީކުރުމެވެ. މި މަސައްކަތުގެ ދަށުން މިހާރު ހުރި މިންވަރަށްވުރެ ތިންގުނަ އިތުރު ޢަދަދަކަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މިހާރު މަތިންބޯޓަށް ތެޔޮއެޅުމަށް ތެޔޮވެހިކަލެއް ރަންވޭމައްޗަށް ގެންގޮސް މެނުއަލްކޮށް ކުރެވޭ މަސައްކަތްތައް ހުއްޓާލެވި، އަލަށް ޤާއިމްކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން، ހަމައެކަނި މަތިންދާބޯޓް ކައިރިން ހޮޅިއެއް ގުޅާލައިގެން ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް އެއއަރޕޯޓްސް ކޮމްޕެނީން މަޢުލޫމާތުދެއެވެ. މިއީ ކުރިޔަށް އޮތް 20 އަހަރުދުވަހުގެ މުއްދަތަށް ބަލާއިރުވެސް ދަތިކަމެއް ނެތި ޚިދުމަތްދެވޭވަރަށް ޤާއިމްކުރެވޭ ފިއުލް ފާރމެކެވެ.

މީގެ އިތުރަށް ފުރަތަމަ ފިޔަވަހީގެ ދަށުން ޒަމާނީ ކާގޯ ކޮމްޕްލެކްސްއެއް އެޅުއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ޒަމާނީ ކާގޯ ކޮމްޕްލެކްސް ނިމުމުން މަތިންދާބޯޓްތަކުން ބާލާ އަދި އަރުވާ ކާގޯގެ ކަންކަންވެސް އެންމެ ޒަމާނީ ފެންވަރަށް އަވަސް ދުވެލީގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.