މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއް ހުޅުވާލައިފިއެވެ.
އިންކުއަރީ ކޮމިޝަނުގެ މަސައްކަތާއި ގުޅިގެން ހާއްސަ ޕޯޓަލެއް ފަރުމާކޮށް ހުޅުވާލާފައިވަނީ މިއަދުއެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯ، ވީޑީއޯ އަދި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތެއް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
...ތިރީގައިމިވާ ލިންކު މެދުވެރިކޮށް ހިއްސާކުރެއްވޭނެއެވެ.
— Inquiry Commission (@InquiryCom) May 8, 2025
ލިންކު: https://t.co/62XLdxm6wX
2/2
އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ ހާދިސާއާއި ގުޅޭ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މިހާރު ޕޯޓަލް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނައިރު، ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ސުވާލުތަކަށް ދޭ ޖަވާބުތައް އެސްއެމްއެސް މެދުވެރިކޮށްވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
އިންކުއަރީ ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތުގެ ތެރެިއން މިހާރު ކުރިއަށް ދަނީ ތަހުޤީޤާއި ގުޅޭ އެކި ފަރާތްތަކާއި ބައްދަލުކޮށް އިންޓަވިއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ. އަދި މިކަމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ނުބެލެވޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުގެ މަސައްކަތުގެ މައިގަނޑު ދެބައެއް ހިމެނޭއިރު، ހާދިސާއާއި ގުޅޭ ކަންކަން ބެލުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ނުބެލެވޭކަން ފާހަގަކުރެއްވިއެވެ. ދެވަނަ ބަޔަކަށް ކޮމިޝަނުން ބަލާނީ ހާދިސާގެ ތަހުޤީޤައް ނުފޫޒު ފޯރުވާފައިވޭތޯ އެވެ. އެ ބައިގެ ތަހުޤީޤައް އިތުރު ވަގުތުތަކެއް ހޭދަވެދާނެކަން މުނައްވަރު ފާހަގަކުރެއްވިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއް ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށްޓަކައި، އެ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ ކޮމިޝަނުގައިި 5 މެންބަރުން ތިއްބަވައެވެ.