ޚަބަރު

ކޯޓްގައި ވެވޭ އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު ނޯންނާނެ!


ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން އިންސާނެއްގެ ހައްޤު ހިމެނޭފަދަ މައްސަލައަކާމެދު ޝަރީއަތުގެ މަޖިލީހުގައި ދެ ޚަސްމުން ކުރެ ޚަސްމެއް އަމިއްލައަށް އިޢުތިރާފްވެއްޖެނަމަ އެއިޢުތިރާފް ރުޖޫޢަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުންކަނޑައަޅުއްވައިފިއެވެ.

ހ. ލޮބީ ޙުސެއިން ހުމާމްގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ ޙުކުމްގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގައިހައްދު ކަނޑައެޅިފައިވާ ކުށްކުގެ ތެރޭގައި ހިމެނޭ ޒިނޭ ފަދަ ކުށްތަކުގައި ވެވޭއިޢްތިރާފުން ރުޖޫޢަވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަވެވިދާނެކަމަށެވެ. އެހެންނަމަވެސް ޢާދަމްގެ ދަރިއެއްގެ ހައްޤު އެކުލެވޭ ކުށަކާ ގުޅިގެން ފަނޑިޔާރުގެ ކުރިފުޅުމަތީގައި ވެވޭ އިޢުތިރާފަކުން ރުޖޫޢަ ނުވެވޭނެކަމަށް އިސްލާމީ ޝަރީޔަތުގެ ފިޤްހު ޢިލްމުވެރިން ލިޔުއްވާފައިވާ އިސްލާމީ ފިޤުހު ފޮތްތަކުން އޮޅުމެއްނެތި ސާފުކޮށް އެނގެން އޮންނަކަމަށެވެ.

އެހެންކަމުން އާދަމްގެ ދަރިއެއްގެ ޙައްޤު އެކުލެވޭ މައްސަލައެއްގައި، އެއްވެސް މަޖުބޫރު ކުރުމެއްނެތި، އަމިއްލަ އިޚްތިޔާރުގައި، ހަމަ ބުއްދީގައި ހުރެގެން އިޢުތިރާފްވެއްޖެނަމަ އެ އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތުނޯންނޭކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. އިންސާނެއްގެ ހައްޤު ހިމެނޭމައްސަލަތަކުގެ ތެރޭގައި ހިމެނޭ ޤިޞާސްގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ޢަމަލުކުރެވޭނީ މި އުސޫލުގެ މަތިންކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ޝަރުޢީ ކޯޓްތަކުން ނިޔާ ކަނޑައެޅުއްވުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުގެ އިތުރުން ސުޕްރީމް ކޯޓާއި، ހައިކޯޓުންކަނޑައަޅުއްވާ ދުސްތޫރީ އުސޫލްތަކަށް ޢަމަލުކުރައްވަންޖެހެއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅުއްވުމާއެކު އިންސާނީ މަސްލަޙަތު ހިމެނޭ މައްސަލަތަކުގައި ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ވެވޭ އިޢުތިރާފަށް ރުޖޫޢަވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.