ޚަބަރު

އެމެރިކާގެ އަގުބޮޑު އަސްކަރީ މަތިންދާބޯޓެއް އަނެއްކާވެސް ރަތް ކަނޑަށް ވެއްޓިއްޖެ


70 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރަތް ކަނޑަށް ވެއްޓިއްޖެއެވެ. މިއީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރަތް ކަނޑަށް ވެއްޓުނު ދެވަނަ ފަހަރެވެ. މި ފަހަރު ވެސް ކަނޑަށް ވެއްޓިފައި ވަނީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ހެރީ އެސް ޓްރޫމަންގެ މަތިންދާބޯޓެކެވެ.

އެ މަނަވަރު ރަތް ކަނޑަށް ފޮނުވާފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނުގައި ބައިވެރި ކުރުމަށެވެ. ޙޫޘީން ނައްތައިލުމުގެ ނަމުގައި ހިންގި އަސްކަރީ އޮޕަރޭޝަން ނާކާމިޔާބުވުމާ އެކު، އެ އޮޕަރޭޝަން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އަދި، ޔަމަނަށް ބޮން އެޅުން ވެސް ވަނީ މެދުކަނޑައިލާފައެވެ.

އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޔޫއެސްއެސް ޓްރޫމަނުން ކަނޑަށް ވެއްޓިފައި ވަނީ އެފް-18 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ކަމުގައެވެ. އަދި، އެ މަތިންދާބޯޓު ކަނޑަށް ވެއްޓިފައި ވަނީ، އަސްކަރީ އޮޕަރޭޝަނުގައި ހަރަކާތްތެރިވުމަށް ފަހު އެނބުރި މަނަވަރުގައި ޖެއްސުމަށް މަސައްކަތް ކުރުމުގެ ތެރެއިން ކަމުގައެވެ.

މި ހާދިސާގައި އެ މަތިންދާބޯޓުގައި ތިބި ދެ ޕައިލެޓުންނަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އަދި، އަސްކަރީ ހެލިކޮޕްޓަރަކުން ވަނީ އެ ދެ ޕައިލެޓުން ސަލާމަތް ކޮށްފައެވެ. މަތިންދާބޯޓު ކަނޑަށް ވެއްޓިފައި ވަނީ، މަނަވަރުގެ ރަންވޭގައި ޖެއްސުމުގައި ބޭނުން ކުރާ 'ވަޔަރ' ނުވަތަ ވަލަށް މައްސަލައެއް ކުރިމަތިވުމާ ގުޅިގެންނެވެ.

އޭޕްރިލް 28ވަނަ ދުވަހު ވެސް ޔޫއެސްއެސް ޓްރޫމަންގެ އަސްކަރީ މަތިންދާބޯޓެއް ކަނޑަށް ވެއްޓުނެވެ. އެ ހާދިސާ ހިނގާފައި ވަނީ، މަނަވަރުގެ ހޭންގަރ ޑެކުގައި އޮތް މަތިންދާބޯޓެއް އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ. އެ ހާދިސާގައި ވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހަކަށް އަނިޔާވިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނެތެވެ. އެއީ، އެފް/އޭ-18 މަރުކާގެ އަގުބޮޑު އަސްކަރީ މަތިންދާބޯޓެކެވެ.

ދެ އަސްކަރީ މަތިންދާބޯޓު ކަނޑަށް ވެއްޓުނު ނަމަވެސް، ޔޫއެސްއެސް ޓްރޫމަންގެ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެންނާނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ މަނަވަރާ އެކު، އެމެރިކާގެ އަސްކަރިއްޔާގެ ސްޓްރައިކް ގްރޫޕެއްގެ ގިނަ އަދަދެއްގެ މަނަވަރުތަކާއި ސަބްމެރިންތައް ހަރަކާތްތެރިވަމުންދާއިރު، އެ ގުރޫޕުގެ މައިގަނޑު އޮޕަރޭޝަނަކީ ޔަހޫދީންނަށް ޙިމާޔަތް ދިނުމެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.