ޚަބަރު

ޔަމަނަށް ދެމުންދާ ޙަމަލާތަކުން ދައްކުވައިދެނީ ޔަހޫދީން ބަނގުރޫޓުވެފައިވާ މިންވަރު: ޙޫޘީން


ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުން ދޭހަކޮށްދެނީ ޔަހޫދީން ބަނގުރޫޓުވެފައިވާ މިންވަރު ކަމުގައި އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ބުނެފިއެވެ. އެ ޖަމާޢަތުން މި މޭރުމުން ބުނެފައި މި ވަނީ، ޔަމަންގެ ވެރިރަށް ޞަންޢާއަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި ތިން މީހުން ޝަހީދު ކޮށްލައި، އިތުރު 35 މީހުން ޒަޚަމު ކޮށްލިއެވެ.

ޞަންޢާގެ މައި ވައިގެ ބަނދަރަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރިއެވެ. ޙޫޘީން ބުނީ، އެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގައެވެ. "ޔަމަނުގެ ބަނދަރުތަކާއި، ޞަންޢާގެ ވައިގެ ބަނދަރާއި، ސިމެންތި އުފައްދާ ކާރުޚާނާތަކާއި، އިންޖީނުގެތަކަށް ޙަމަލާ ދެނީ ޔަމަންގެ ރައްޔިތުންނަށް ހުރަސްއަޅައި، ފުރަބަންދު ކުރުމުގެ ގޮތުން،" ޙޫޘީން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި، ޔަހޫދީން އެމެރިކާއާ ގުޅިގެން ޔަމަނަށް ޙަމަލާ ދެމުން ދިޔަ ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި ފަށާފައިވާ އަސްކަރީ ހަރަކާތްތަކަށް ނިމުމެއް ނުގެންނާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.

ރަތް ކަނޑުގައި ޙޫޘީ ޖަމާޢަތުން ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.

ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރުގެ އިތުރުން، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވެސް ޙޫޘީން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަަތުން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންފަހަރާއި ނުރައްކާތެރި ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އަދި، ޔަހޫދީން ބިރުވެރިކަމާ ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް، އެމެރިކާގެ އުޅަނދުފަހަރަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޙޫޘީން ވަނީ ނިންމާފައެވެ.

ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށް ޙޫޘީންގެ ނުރައްކާތެރި ޙަމަލާއެއް

މޭ 4ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮތް ސަރަޙައްދަކަށް ނުރައްކާތެރި ޙަމަލާއެއް ދީފައެވެ. އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ މައި ވައިގެ ބަނދަރު، ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ޙަމަލާއާ ގުޅިގެން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން މަޖުބޫރުވިއެވެ. އަދި، އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ދަތުރު ކުރުން މެދުކަނޑައިލާފައެވެ.

ޙޫޘީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފުރަތަމަ ޙަމަލާ ދީފައި ވަނީ ޔަމަންގެ ބަނދަރުމަތީ ރަށް، އަލް-ޙުދަޔިދާއަށެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙުދަޔިދާ ބަނދަރާއި، ޢާންމުން ދިރިއުޅޭ އަލް-ސަލްޚާނާއާއި އަލް-ޙަވާކު އަވަށަށެވެ. ޙުދަޔިދާއަށް ދިން ޙަމަލާތަކުގައި އެކަކު ޝަހީދު ކޮށްލައި، އިތުރު 35 މީހުން ޒަޚަމު ކޮށްލިއެވެ. އެއަށް ފަހު، ވެރިރަށް ޞަންޢާއަށް ދީފައިވާ ޙަމަލާތަކުގައި މައި ވައިގެ ބަނދަރު ސުންނާފަތި ކޮށްލާފައި ވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޞަންޢާއަށް ދިން ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް އަންދާޒާ ކުރަން އަދި ނޭނގޭ ކަމުގައެވެ.

ޞަންޢާގެ ވައިގެ ބަނދަރަކީ މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ޙޫޘީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި މަގެއްގެ ގޮތުގައި ޔަހޫދީން ދެކެއެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޤަޠަރުގެ ޙަމަދް ބިން ޚަލީފާ ޔުނިވަރސިޓީގެ ޕްރޮފެސަރ އަލް-ސުލްޠާން ބަރަކާ ވިދާޅުވީ އެއީ ކުށްހީއެއް ކަމުގައެވެ.

"އަޅުގަނޑަަށް ޤަބޫލު ކުރެވޭ ގޮތުގައި އެއީ ގަސްދުގައި ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާތަކެއް. ޞަންޢާގެ ވައިގެ ބަނދަރަކީ އާދައިގެ ވައިގެ ބަނދަރެއް ނޫން. އެ ތަނާ ދެކޮޅަށް އެކުވެރި ދަޢުލަތްތައް (އދ)، ސަޢޫދީ ޢަރަބިއްޔާ، އަދި ގުޅިފައިވާ އިއްތިޙާދުން ވަނީ ފިޔަވަޅުތައް އަޅާފައި،" އޭނާ ވިދާޅުވިއެވެ. އެ ތަނަށް ޙަމަލާ ދިނުމާ ގުޅިގެން، ޔަމަންގައި ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.