ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތުގެ ސަބަބުން ޓެކްސީ ކުރާ އަމިއްލަ ފަރާތްތަކުންދޭ ޚިދުމަތަށް އެއްވެސް ހުރަހެއްނެތްކަމަށާއި، އެފަރާތްތަކަށް ގެއްލުން ނުވާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ، އެކަމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއްގެ ގޮތުގައި ޓެކްސީ ޚިދުމަތް މިހާރު ލިބެމުން ނުދާތީކަމަށާއި، ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނާއެކު، ނަމޫނާ ޓެކްސީގެ ޚިދުމަތެއް ފެނިގެންދާނެކަމަށެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ޚާއްސަކޮށް މާލޭގައި ޓެކްސީ ފަންސަވީހަކަށް އަހަރުވެގެންދިޔައިރު، ޓެކްސީ ނުލިބޭ މައްސަލައާއި ރައްޔިތުން ބޭނުންވާފަދަ އެކަށީގެންވާ ޚިދުމަތެއް ނުލިބުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޒުވާރާއަށް ލިބެމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ ބައެއް ޓެކްސީ ޑްރައިވަރުން އެމީހުން ބޭނުން ވަގުތެއްގައި އަދި ދާން ބޭނުންވާ ތަނަކަށް އެކަނި ދަތުރުނަގާ މައްސަލައަކީ ދިރާސާއެއް ނުކުރިނަމަވެސް، ފެންނަން އޮތް ޙަޤީގަތްކަމަށެވެ.
ސަރުކާރުން ފަށާ މި ޚިދުމަތުން ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަން ވާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އާރްޓީއެލް ބަހުގެ ޚިދުމަތް އޭރުގެ ސަރުކާރުން ފެށުމުންވެސް ޓެކްސީ ޑްރައިވަރުން އެކަމާ އިޙުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރިކަމަށެވެ. ނަމަވެސް މިއަދު އެ ޚިދުމަތް ދުވާލަކު 27000އެއް މީހުން ބޭނުންކުރިނަމަވެސް އެކަމުން ޓެކްސީ ޚިދުމަތަށް އަސަރެއް ނުކުރާކަން ހާމަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށް 100 އިލެކްޓިކަލް ޓެކްސީއިން މި ޚިދުމަތް ފެށުމަށް ނިންމި ނިންމުމަކީ، ޓެކްސީ ދުއްވުމުގެ ގަވައިދުތަކުގެ ތެރެއިން ފުރިހަމަ ޚިދުމަތަކަށް ވާނެކަމަށެވެ. އެގޮތުން މި ޚިދުމަތަކީ ރައްޔިތުން ބޭނުންވާފަދަ، 24 ގަޑިއިރު ލިބޭ ޚިދުމަތަކަށް ހައްދަވާނެކަމަށެވެ.
"ފެންނަން އޮތް ހަގީގަތަކީ މާލޭގައި ބޭނުންވާ ގޮތަށް ޓެކްސީ ޚިދުމަތް ނުދެވޭކަން. މިނިސްޓްރީއަށް ގިނަ ޝަކުވާ ލިބޭ. މާލެ ތެރެއަށް ޓެކްސީ ނުލިބުމާ، ހަމައެކަނި ހުޅުލެ/ހުޅުމާލެއަށް ދާން ޓެކްސީ ދަތުރުކުރާ ވާހަކަ. ސަރުކާރުން ޚިދުމަތް ފަށާއިރު މާލެ ތެރޭގައި ދުއްވަން ފަސޭހަ ސައިޒުން ކުދި އުޅަނދުވެސް ގެންނާނެ." ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކަށް ބަލާއިރުވެސް އާއްމު ޚިދުމަތެއްގެ ގޮތުގައި، ކޮންޓްރޯލް ނިޒާމަކުން ޓެކްސީގެ ޚިދުމަތް ފެށުމުން، ޓެކްސީ ދަތުރުގެ މުޅި ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ފެނިގެންދިޔަކަމަށެވެ.
"ޓެކްސީ ޚިދުމަތުގައިވެސް ވަރަށް ގިނަ ޤަވައިދު ހެދިފަ ހުރީ. ޚިދުމަތް ދޭންޖެހޭ ގޮތްތައް އެބަހުރި. އެކަމަކު އެކަމަށް ރަނގަޅަށް ޢަމަލުކުރުމުގެ ޑިސިޕްލިނެއް ނެތް. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، ޚިދުމަތް ސްޓޭންޑަޑައިޒްކޮށް، ވަކި ޑިސިޕްލިންއަކުން ގެންދެވޭނެ. މި ޚިދުމަތް ވާނީ ޓެކްސީ ކުރާ އަމިއްލަ ފަރާތްތައްވެސް ޤަވައިދަށް ޑިސިޕްލިންކުރާ ލިބޭ އެހީއަކަށް." ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މުޅި ޓެކްސީ ނިޒާމުގެ ހިންގުން ކުރިއަށްގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިންކަމަށެވެ. ނަމަވެސް މި ޚިދުމަތް ފުރަތަމަ ފަށާއިރު އެކުންފުންޏަށް ބޭނުންވާ ކެޕިޓަލް ހަމަޖެއްސުމުގައި ސަރުކާރުން އެހީވާނެކަމަށެވެ. އެކަމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ، އަދި މިކަމަށް ކުރާނެ ހޭދަ ހާމަކުރެވޭ ހިސާބަށް ނުދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގަ ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ ވެހިކަލް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތަކަށްވާއިރު، ދާއިމީ ވަޒީފާގެ ގޮތުގައި ޑްރައިވަރުން ނަގާނެކަމަށެވެ. އަދި ޕަރޓްޓައިމްކޮށް ޚިދުމަތް ދޭން ބޭނުންވާ މީހުންނަށްވެސް ފުރުޞަތު ލިބިގެންދާނެކަމަށެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ޚިދުމަތް މިއަހަރުގެ ޖުލައި މަހު ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.