ޚަބަރު

ޕައިލެޓްކަން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް


އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންއަންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް ނުވަތަ ޢާންމު ބަހުންނަމަ އައްޑޫ ފްލައިންގ ސްކޫލަކީ، އުދުހުމުގެ ދާއިރާއަށް ޝައުވެރިވާ ޒުވާނުންނަށް ހުޅުވިފައިވާ ރަނުގެ ފުރުޞަތެކެވެ.

މިހާރުވެސް 123 ދަރިވަރުން ފްލައިން ސްކޫލުގެ ޕައިލެޓް ޓްރެއިނިން ކޯހުގައި ޙަރަކާތްތެރިވެއެވެ. މީގެތެރެއިން 90 ދަރިވަރުންނަކީ ދިވެހި ޒުވާނުންނެވެ. ބާކީ ތިބި 30 ދަރިވަރުން ނިސްބަތް ވަނީ އިންޑިޔާ، ޕާކިސްތާން އަދި ސްރީލަންކާއަށެވެ.

އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްއަކީ ސްރީލަންކާގެ އެކަޑަމީއެއް ނަމަވެސް، މި އެކަޑަމީ ރާއްޖޭގައި ހިންގަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. އެ އެކަޑަމީން 2 ކޯހެއް ހިންގަމުންދެއެވެ. އެއީ ޕައިލެޓް ޓްރެއިނިންގ ކޯހާއި، ފްލައިޓް އިންސްޕެކްޓަރ ޓްރެއިނިންގކޯހެވެ.

އެކަޑަމީގައި ކިޔަވަމުން އަންނަ 123 ދަރިވަރުންގެ ތެރެއިން 120 ދަރިވަރުން ހަދަމުން އަންނަނީ ޕައިލެޓް ޓްރެއިނިންގއެވެ.

އައްޑޫ ފްލައިން ސްކޫލުން މިހާރުދަނީ ކޯސްތަކުގައި ބޭނުންކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކޮށް، ޖާގަ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެ އެކަޑަމީގެ އެޑްމިނިސްޓްރޭޓަރ ޙުސައިން މަމްދޫހް ވިދާޅުވީ، ފްލައިންގ ސްކޫލްގެ ފްލީޓަށް 4 ބޯޓް މިދިޔަ ހަފްތާގެ ތެރޭގައި ގެނެސްފައިވާ ކަމަށެވެ. އެއީ ސެސްނާ ބްރޭންޑްގެ 4 މަތިންދާ ބޯޓްކަމަށް މަމްދޫހް ވިދާޅުވިއެވެ. މި 4 ބޯޓާއެކު ފްލައިން ސްކޫލްގެ އުދުންހުންތަކުގައި 13 ބޯޓް ބޭނުންކުރާނެއެވެ. ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި އަލަށް ގެނައި ބޯޓްތައް ތަމްރީންތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށްވެސް މަމްދޫހް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14689464848057.jpg|ފްލައިން ސްކޫލުގައި ބޭނުންކުރަމުންދާ ސެސްނާ ބްރޭންޑުގެ މަތިންދާ ބޯޓުތަކެއް- ފޮޓޯ: ފްލައިން ސްކޫލް

ފްލައިން ސްކޫލް އޮޕަރޭޓްކުރަމުންދަނީ ފުލް ކެޕޭސިޓީގައި ނަމަވެސް، ޝައުޤުވެރިވާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނާތީ، ޖާގަ އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މަމްދޫހް ވިދާޅުވިއެވެ. އެގޮތުން އިތުރު އިންސްޓްރަކްޓަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު، އެ އެކަޑަމީން ވަނީ 10 ދަރިވަރުންނާއެކު އާބެޗެއްގެ ޕައިލެޓް ކޯހެއް ފަށާފައެވެ. މި ބެޗްގައި 6 ދިވެހި ދަރިވަރުންނާއި، އިންޑިޔާގެ 4 ދަރިވަރުން ބައިވެރިވެއެވެ. އަދި ސެޕްޓެމްބަރު މަހު ފަށާ އިތުރު ބެޗަކަށް 10 އާއި 15 އާ ދެމެދުގެ ޢަދަދެއްގެ ފުރުޞަތު އެ އެކަޑަމީން ވަނީ ހުޅުވާލާފައެވެ.

ޕައިލެޓްކަމަކީ ވަރަށް ގިނަ ޒުވާނުން ކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް މި ކޯހަކި ދުނިޔޭގެ ނިސްބަތުންވެސް އަގުބޮޑު ކޯހެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އަވައްޓެރި އިންޑިޔާއަށް ބަލާލާއިރު ޕައިލެޓްކަން ކިޔެވުމަށް 2 މިލިއަން ރުފިޔާއާއި 3 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ޚަރަދުވެއެވެ. އެއީ ޑޮލަރުން ބަލާނަމަ 100،000 ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ އަދި އެމެރިކާފަދަ ޤައުމުތަކުގައި މިއަށްވުރެ ބޮޑު ފީއެއް ނަގައެވެ. ނަމަވެސް އައްޑޫ ފްލައިން ސްކޫލުން ދިވެހި ދަރިވަރުންނަށް ނަގަނީ 46،380 ޑޮލަރުގެ ފީއެކެވެ. މި ފީއަކީ މަހުން މަހަށް ބަހާލައިގެން ދައްކާގޮތަށް އޮންނަ ފީއެކެވެ.

ދިވެހި ދަރިވަރުންނަށްވުރެ، އެހެނިހެން ޤައުމުތަކުގެ ދަރިވަރުންގެ ފީތައް ބޮޑުކަން ފާހަގަކުރެވެއެވެ.

އައްޑޫ ފްލައިން ސްކޫލުން ހިންގާ ކޯސްތަކަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޤަބޫލުކުރައްވާ ކޯސްތަކެކެވެ. އަދި އޭޝިޔާގެ ގިނަ ޤައުމުތަކުންވެސް އެ ކޯސްތައް ބަލައިގަނެއެވެ.

އަމިއްލަ ޤައުމުގައި ތިބެގެން ޕައިލެޓްކަން ކިޔެވުމަށް ހުޅުވިފައިވާ މި ފުރުޞަތުގެ ބޭނުން ހިފުމަށް އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްއިން ދިވެހި ޒުވާނުންނަށް އިލްތިމާސްކުރެއެވެ.