ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަހަރަށް އަތްގަދަ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ. އޭނާ މި ކަން ހާމަކޮށްފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޢުދުވާން އިތުރަށް ފުޅާކޮށް، ޣައްޒާގެ ރައްޔިތުން އެ މީހުން އަމިއްލަ ވަޒަނުން ބޭރު ކުރުމުގެ ރޭވުމެއް އިސްރާއީލުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެެވެ.
ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށް، އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަހަރަށް އަތްގަދަ ކުރުމަށް ފަހު، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމަށް އަނިޔާވެރި ނަތަންޔާހޫ ވަނީ ރާވާފައެވެ. ނަތަންތާހޫ ބުނީ، ޣައްޒާ ޢުދުވާން ފުޅާ ކުރުމުގެ ގޮތުން އެ ސަހަރަށް އަރައިގަތުމަށް ފަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ނުފައިބާނެ ކަމުގައެވެ. ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ ރިޒަރވް ސިފައިންގެ އިތުރު މީހުންނަށް ޚިދުމަތަށް ނިކުތުމަށް އަމުރު ކޮށްފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ މަޞްދަރުތަކުން ބުނީީ، ޣައްޒާގެ ހުރިހާ ރައްޔިތުން އެ ސަހަރުގެ އެންމެ ދެކުނަށް ގަދަ ބާރުން ޖަމާ ކުރުމަށް ރާވާފައިވާ ކަމުގައެވެ. އަދި، އެއަށް ފަހު އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް އިންތިޒާމު ކުރަނީ ޔަހޫދީ ފައުޖުގެ ސީދާ ބެލުމުގެ ދަށުން ކަމުގައެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެސް މައި ތަސައްވުރެކެވެ. އޭނާ ބޭނުން ވަނީ، އެމެރިކާއިން ޣައްޒާއަށް އަތްގަދަކޮށް، އެ ތަނުގައި ފަތުރުވެރިކަން ތަރައްޤީކޮށް، އޭގެ މަންފާ ހޯދުމަށެވެ.
ޣައްޒާއަށް ވެރިވެގަތުމަށް ޔަހޫދީ ރާވާފައިވާ ރޭވުމަށް ޙަމާސުން ވަނީ އިންކާރު ކޮށްފައެެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު މަރްދާވީ ވިދާޅުވީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ އެ ޖަމާޢަތާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެވެ. އަދި، އެ ފަދަ އެއްބަސްވުމެއްގެ ދަށުން ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ނިރުބަވެރި ސިފައިން ފައިބަން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުން ވަަޒަނުން ބޭރުކޮށް، އެ ބިމަށް އަތްގަދަ ކުރުމަށް ޔަހޫދީން ރާވާފައިވާ ރޭވުމާ މެދު އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އދގެ ތަރުޖަމާނު ފަރްޙާން ޙައްޤު ވިދާޅުވީ، ޔަހޫދީންގެ ރޭވުމުގެ ދަށުން ޣައްޒާގެ ގިނަ އަދަދެއްގެ ޢާންމުން ޝަހީދުވެގެން ދާނެ ކަމުގައެވެ. އަދި، ޣައްޒާ އިތުރަށް ސުންނާފަތިވެގެން ދާނެ ކަމުގައެވެ. "ޣައްޒާއަކީ ފަލަސްޠީނުގެ ދައުލަތެއްގެ ކުރިމަގުގެ މުހިންމު ބަޔެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.