ޔޫރަޕުގައި މިވަގުތު އޮތް އެންމެ މޮޅު ޓީމަކީ ސްޕޭނުގެ ބާސެލޯނާ ކަމަށާއި އެ މީހުން އަތުން މޮޅުވުން ވަރަށް އުނދަގޫވާނެ ކަމަށް އިންޓަމިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މި ދެ ޓީމު މިރޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އިންޓަމިލާން ދެ ފަހަރު ލީޑް ނެގި ނަމަވެސް 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރުމަށް މި މެޗުގައި ނަތީޖާ ނެރެން ޖެހޭނެ އެވެ.
ކޯޗު ބުނީ މި މެޗު ވެސް ހަމަހަމަ ނަތީޖާ ނެރެން ޕެނަލްޓީ އަށް ދިއުން ގާތް ކަމަށެވެ.
"އެއީ އަހަރެން ލަފާ ކުރާ ގޮތް. ބާސެލޯނާ އަކީ މިވަގުތު ޔޫރަޕުގައި އޮތް އެންމެ މޮޅު ޓީމު. އެމީހުން ބަލިކުރަން ފަސޭހަނުވާނެ. އަހަރުމެން ޓީމެއްގެ ގޮތުގައި އަބަދު ތިބެގެން އެކަން ކުރެވޭނީ،" އިންޒާގީ ބުންޏެވެ.
އޭނާ ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅެފައިވާ މެޗުތަކުގެ އެވްރެޖް ޕޮޒިޝަނަކީ 81 ޕަސެންޓް ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި މި ނިސްބަތް އުޅެނީ 76 ޕަސެންޓްގައި ކަމަށެވެ.
"އެމީހުންގެ ކުޅުމުގެ ސްޓައިލް މާބޮޑަކަށް ބަދަލެއްނުވޭ. ޑިފެންސަށް ބަލާއިރު އެމީހުން ވަރަށް ރިސްކު ނަގާ. އެކަމަކު އެ ރިސްކު ނަގަނީ ވަރަށް ބޮޑަށް ހިސާބު ޖަހައިގެން. އެމީހުންގެ ކޯޗު އެ ރިސްކުތައް ރިކަވަރ ކުރުވާ. ފްލިކް އަކީ އަހަރެން ވަރަށް ރެސްޕެކްޓް ކުރާ ކޯޗެއް،" އިންޒާގީ ބުންޏެވެ.
ކޯޗު ބުނީ އިންޓަމިލާނުގެ ހުރިހާ ކުޅުންތެރިން ތިބީ ބާސެލޯނާ ބަލިކުރެވޭނެ ކަމަށް ވިސްނައިގެން ކަމަށެވެ. މިހެންވެ ނުރަނގަޅު އެއްވެސް ވިސްނުމެއް ގެންގުޅެން އެ ޓީމުން ބޭނުންނުވާ ކަމަށެވެ.
އޭނާ އަދި ބުނީ މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަތުން ބަލިވުން އަދިވެސް ކުޅުންތެރިންގެ ސިކުނޑީގައި ރަނގަޅަށް ހަނދާން އެބަހުރި ކަމަށެވެ. އަދި އެޒަހަމްތައް އަދިވެސް ފިލައި ނުދާ ކަމަށާއި އެކަންކަން ބަދަލު ކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ބާސެލޯނާ ބަލިކޮށް ފައިނަލަށް ގޮސް ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
މި ދެ ޓީމު ސެމީ ފައިނަލުގައި އެންމެ ފަހުން ބައްދަލުކުރީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯ އިންޓަމިލާނުގެ ކޯޗަކަށް ހުއްޓަ އެވެ. ބާސެލޯނާ ބަލިކޮށް ފައިނަލަށް ގޮސް އެ ފަހަރު އިންޓަ ތަށި ހޯދީ ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްފަ އެވެ.