ކުޅިވަރު

ތަފާތުުބޮޑުކޮށް ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާ ފެންވަރު ދައްކާލައިފި


މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން މޮޅުވެއްޖެއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށެވެ.

މާޒިޔާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފަސްވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށް މިމެޗުގައި ހެޓްރިކެއް ހަދާފައެވެ. އެގޮތުން މެޗުގެ 45 މިނިޓުގައި މާޒިޔާގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިންއިރު ހެޓްރިކް ފުރިހަމަ ކުރީ 65 ވަނަ މިނިޓުގައެވެ.

މާޒިޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ހަސަން ނަޒީމް ޖަހާފައިވާއިރު ޒުވާންތަރި މުހަންމަދު އިލާން އިމްރާން މާޒިޔާގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގެ 83 ވަނަ މިނިޓުގައެވެ.

ނިއުރޭޑިއަންޓުގެ ހަމައެކަނި ލަނޑުޖަހާފައިވަނީ މެޗުގެ 88 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރަފީގް އަމީންއެވެ.

ގަލޮޅު ދަނޑުގައި މުބާރާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހު އެފްއޭއެމް ލީގު ކަޕު ފެށިގެން ކުރިއަށްދާއިރު މި މުބާރާތުގައި ވާދަކުރަނީ ފަސްޓީމުންނެވެ. އެއީ މާޒިޔާ ރެކްރިއޭޝަން ކުލަބާއި، ޓީސީ ސްޕޯރޓްސް ކުލަބާއި، ނިއުރޭޑިއަންޓު، އޮޑި ސްޕޯޓްސްގެ އިތުރުން މަހިބަދޫއެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅޭނީ ހުކުރުދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައެވެ. އޮޑި ސްޕޯޓްސްއާއި މަހިބަދޫ ބައްދަލުކުރާ މިމެޗު އޮންނާނީ ހަވީރު 4:00ގައެވެ.