ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ޤާނޫނަށް އެންމެ ފަހުން ގެންނެވި އިސްލާޙްގެ ދަށުން މިހާތަނަށް ކޮށްފައިވާ މުޢާމަލާތްތަކުން ދައުލަތަށް އާމްދަނީ ލިބިވަޑައިގަންނަވަން ފަށާފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމާބެހޭ ޤާނޫނަށް ގެންނެވި އިސްލާޙަށް ޢަމަލުކުރެއްވުމަށް ފައްޓަވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީޤް ކުރެއްވުމާއެކުގައެވެ.
އިޢުލާންކުރުމަކާ ނުލައި، ފަޅުރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރެވޭ ގޮތަށް ގެންނެވި އިޞްލާޙް ހިމެނޭ ގޮތަށް ޤާނޫނަށް ގެންނެވި އިޞްލާޙްގެ ދަށުން އަމިއްލަ ވިޔަފާރިވެރި ކުންފުންޏަކުން ފުރަތަމަ ފަހަރަށް އިއްޔެ ރިސޯރޓެއް ވިއްކާލައި ދައުލަތަށް 80 މިލިޔަން ރުފިޔާ ވަނީ ދައްކާފައެވެ.
ބިޑް ކުރެއްވުމާ ނުލައި، ވިޔަފާރިކުރުމަށް ޤާބިލު ކުންފުނިތަކަށް ޝަރުތުތަކަކާއެކު، ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކުއްޔަށް ދެވޭ ގޮތަށް ޓުއަރިޒަމާބެހޭ ޤާނޫނަށް ގެންނެވި އިސްލާޙާ ގުޅިގެން ސިޔާސީ ބައެއް ބޭބޭފުޅުން ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ނަމަވެސް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެއްވުމަށް މި އިސްލާޙަކީ ކޮންމެހެން މުހިންމު އިސްލާޙެއްކަމަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ޤަބޫލުކުރައްވައެވެ. އަދި މިއިސްލާޙަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ދުސްތޫރީ އުޞޫލުތަކާ ޚިލާފު އިސްލާހެއް ނޫންކަމަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ ލަފާދެއްވާފައެވެ.
މި ޤާނޫނަށް ގެނެވުނު އިސްލާޙްގެ މާލީ ފައިދާ މިހާރުވެސް ދައުލަތަށް ލިބެމުންދާކަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ޕީ.އެސް.އެމާ ވާހަފުޅު ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ސަރވިސް މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށްވާ ޔޮޓް ޓުއާރސް މޯލްޑިވްސްގެ ވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވީ މި ޤާނޫނަށް އަލަށް ގެންނެވި އިސްލާޙާ ގުޅިގެން އެކުންފުނިން ރިސޯޓެއް ވިއްކައިގެން ހިންގި މުޢާމަލާތެއްގައި ދައުލަތަށް 80 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވާކަމަށެވެ. ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ މި މުޢާމަލާތުން ދައުލަތަށް 4875،159.33 (ހަތަރު މިލިއަން އަށްސަތޭކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ ފަންސާސް ނުވައެއް ޕޮއިންޓް ތިނެއް ތިނެއް) ޑޮލަރު ލިބިފައިވާކަން ޕަބްލިކް ސަރވިސް މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
ޕީ.އެސް.އެމާ ވާހަކަދައްކަވަމުން ޔޮޓް ޓުއާރސް މޯލްޑިވްސްގެ ވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވީ އެކުންފުނިން ހިންގަމުންއައި ރިސޯޓެއްކަމަށްވާ ކުޑަރަށް ސްރީލަންކާގެ މަހޭލީސް ކުންފުންޏަށް ވިއްކާލުމަށް ފުރުޞަތު ލިބިގެންދިޔައީ އަލަށް ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ރިސޯޓްގެ މުއްދަތު އިތުރު ކުރެވުމާ ގުޅިގެންކަމަށެވެ. އަދި މި މުޢާމަލާތުގެ ސަބަބުން ދައުލަތަށް 80 މިލިއަން ރުފިޔާއަށްވުރެ ބޮޑު ފައިދާއެއް ވެގެން ގޮސްފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މި އިސްލާޙްގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އިތުރު ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި އަލަށް މި ވިޔަފާރިއަށްވަންނަން ބޭނުންވާ ބޭރުގެ ކުންފުނިތަކަށް އެ ފުރުޞަތު އިތުރަށް ފުޅާވެގެންދާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި މިއީ ދައުލަތަށްވެސް ފައިދާކުރާނެ އިސްލާޙެއްކަމަށް ވިދާޅުވެ، މިއިސްލާޙުން ގެއްލުންވާނެކަމަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ދެކެވަޑައިގަންނަވާކަމަށާއި، އެއީ ވިޔަފާރިއާ ގުޅުންހުރި ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޓުއަރިޒަމްގެ ޤާނޫނަށް ގެންނެވި އިސްލާޙަކީ ހުރިހާ ގޮތަކުންވެސް ފައިދާކުރާނެ ފަތުރުވެރިކަމުންލިބޭ އާމްދަނީ އިތުރުކުރުމަށް ކޮންމެހެން ބޭނުން އިސްލާޙެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތަނުގައި އެކި ކުންފުނިތަކާއި ދައުލަތަށްވެސް މި އިސްލާޙްގެ ސަބަބުން ފައިދާކުރާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށް ގެންނެވި އިސްލާހުގައި ބިޑްނުކޮށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކުއްޔަށް ދެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކަމަށް ގިނަ ޝަރުތުތަކެއް އެޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެކުއިޒިޝަންފީ އެކީ އެއްފަހަރާ ދެއްކުމަށް ޝަރުތުކޮށްފައިވާއިރު، ހަވާލުކުރާ ކުންފުނީގެ މާލީ ޤާބިލުކަމަށް ބެއްލެވުމަށް ޝަރުތުކޮށްފައިވެއެވެ. އަދި ނަޒާހަތްތެރިކަން ހިފެހެއްޓެވުމަށްޓަކައި ބިޑްކުރެއްވުމަކާ ނުލައި ރަށެއް ކުއްޔަށް ދެއްވުމަށްފަހު އެކަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނާޢި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްޞާ ކުރެއްވުމަށް ޝަރުތުކުރައްވާފައިވެއެވެ.