ޚަބަރު

ބްރިޖުގެ މަސައްކަތް- އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކޮލެޓީއަށް


މާލެއާއި ހުޅުލެ ގުޅުވާލުމަށްޓަކައި ބިނާ ކުރަމުންދާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަކީ ރާއްޖޭގެ ތާރީޚްގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

ޚަރަދުވާ ފައިސާގެ މިންގަނޑުން ބެލިނަމަވެސް، އަދި މަސައްކަތުގެ ބާވަތާއި، މަސައްކަތްތެރިންގެ ޢަދަދަށް ބަލާއިރުވެސް މިއީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މީގެ އިތުރުން ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކާއި، ބިޔަ ކްރޭންތަކަށް ބަލާލުމުންވެސް މިކަން އެނގިގެންދެއެވެ.

img:http://s3.psmnews.mv/images/660x400/14688631455271.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

ބްރިޖްގެ ކޮންޓްރެކްޓަރ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮޕަރޭޝަނުން މިހާރު މިވަނީ ބްރިޖްގެ ތަނބުތައް ޖެހުމުގެ ޢަމަލީ މަސައްކަތްތައް ފަށައިގެންފައެވެ. ކަނޑުއަޑީގައި ޖަހާފައިވާ ޕައިލްސްތައް ނުފެނުނު ނަމަވެސް، ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ވަގުތީ ބްރިޖާއި، ކަނޑުގެ މެދުގައި ހަދާފައިވާ ޕްލެޓްފޯމްތަކަށް ބަލާލި ނަމަވެސް މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު ވަޒަން ކޮށްލެވޭނެއެވެ. 

މަސައްކަތްތައް މި ހިސާބަށް ދިޔައިރު، ސީސީސީސީ ސެކަންޑް ހާބަރއިން އެންމެ އިސްކަންދީފައިވަނީ މަސައްކަތް އެންމެ ކޮލިޓީކޮށް ކުރިއަށް ގެންދިއުމަށެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލުމަށް އިއްޔެ ބޭއްވި ހަރަކާތުގެ ތެރެއިން ހައުސިންގ މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުއްޠަލިބުވަނީ ކޮލެޓީ ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވާ ޗައިނާ ހައިވޭ ކޮންސަލްޓޭޝަންގެ މަސައްކަތްތައް ތަފްޞީލް ކޮށްދެއްވާފައެވެ. މުއްތަލިބު ވިދާޅުވީ ބްރިޖްގެ ކޮލެޓީ ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވާ ކުންފުންޏަކީ މިދާއިރާގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއްކުންފުނި ކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14688633437392.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

" ދިވެހި ސަރުކާރުންވެސް ދަނީ ބްރިޖް މަޝްރޫޢު ކައިރިން ބަލަމުން. އެހެންނަމަވެސް އަޅުގަނޑުމެން މިވަނީ ކޮލެޓީ އެޝުއަރ ކުރުމަށްޓަކައި ކޮލެޓީ ބެލެހެއްޓުމަށް ޗައިނާ ހައިވޭ ކޮންސަލްޓޭޝަނާ ހަވާލުކޮށްފަ. އެއީ ކުރިން ޗައިނާ ސަރުކާރުގެ އިދާރާއެއް. ނަމަވެސް މިހާރު ކޯޕަރޭޝަނެއް ގޮތަށް ކުރިއަށްދަނީ. ހައިވޭ ކޮންސަލްޓަންސީގެ ފަރާތުން 20 މީހުން އެބަ ހަރާކާތްތެރިވޭ ކޮލެޓީ ބެލުމަށާއި، އެކަމާ ގުޅޭ ކަންކަމުގައި ލަފާދިނުމަށް. އެ ފަރާތުގެ ބެލުމުގެ ދަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކޮށްލަން. " މުއްޠަލިބު ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14688631612203.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

ޗައިނާ ހައިވޭގެ ފަރާތުން، ކޮލެޓީ ބެލެހެއްޓުމަށް ބައިވެރިވާ  20 އޮފިޝަލުންވެސް ބްރިޖްގެ 3 ސައިޓްގައި ކުރިއަށްދާ މަސައްކަތްތަކުގައިވެސް ބައިވެރިވާނެއެވެ. މީގެތެރެއިން ޓެކްނިކަލް މުހިންމު މަސައްކަތްތައް ކުރިއަށްދަނީ މާލޭ ސައިޓްގައެވެ. އެ ސައިޓްގައި ދެ ދިމާއަކަށް ޓެސްޓް ޕައިލް، މިހާރުވެސް ވަނީ ޖަހާފައެވެ. އަދި ތިންވަނަ ޓެސްޓް ޕައިލެއް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއީ ސީދާ ޗައިނާ ހައިވޭގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ. 

މީގެ އިތުރުން، ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވާ 600 މަސައްކަތްތެރިންގެ ތެރޭގައި މުޅިންވެސް ތިބީ މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނެވެ. މުއްތަލިބު ވިދާޅުވީ، 600 މަސައްކަތްތެރިންގެ ތެރެއިން، 100 އެއްހާ މަސައްކަތްތެރިން ފިޔަވައި، މުޅިންވެސް ތިބީ ޗައިނާގެ ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިން ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14688631207741.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

" 600 މަސައްކަތްތެރިންގެ ތެރޭގައި އެބަ ހިމެނޭ އަވައްޓެރި ބައެއް ގައުމުތަކުގެ މީހުންވެސް. ނަމަވެސް ޓެކްނިކަލް ހުރިހާ ކަމެއްގައި މިއުޅެނީ ޗައިނާގެ މަސައްކަތްތެރިން. މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަރަށް ގިނަ ވަގުތު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ނަަމަވެސް، ހުރިހާ މަސައްކަތެއްވެސް ކުރަމުންދަނީ ތަޙްލީލްތަކެއް ހެދުމަށްފަހު، ކޮލެޓީ ޓީމުގެ ލަފާގެ މަތިން. " މުއްޠަލިބު ފާހަގަކުރެއްވިއެވެ. 

ގިނަ ބަޔަކު މިހާރު ތިބީ ބްރިޖްގެ ތަނބުތައް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ބްރިޖްގެ ޓައިމްލައިންގައި ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާ ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތަނބުތަކުގެ ކޮޅުތައް ލޮނުގަނޑުމަތިން ފެންނަށް ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.