ޚަބަރު

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސްގެ ތަހުނިޔާ


  • ރައީސް ވިދާޅުވީ މިއީ ބޮޑުވަޒީރަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާކަމެއްކަމަށް

އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ލޭބަރ ޕާޓީގެ ލީޑަރު އެންތަނީ އެލްބަނީސްއަކީ، ވޭތުވެދިޔަ 20 އަހަރު، އެ ޤައުމުގެ ޕްރައިމް މިނިސްޓަރުކަން ޖެހިޖެހިގެން 2 ދައުރު ހޯއްދެވި ފުރަތަމަ ބޭފުޅާއެވެ. އޮސްޓްރޭލިއާގައި ބޮޑުވަޒީރުކަމުގެ މަޤާމުގެ ދަޢުރަކީ 3 އަހަރުގެ މުއްދަތެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޮޑުވަޒީރު އެލްބަނީސް ދެވަނަ ދައުރަށް އިންތިޚާބުވެވަޑައިގަތުމަކީ، އެމަނިކުފާނުގެ ތަސައްވުރާ ލީޑަޝިޕްގެ ހަރުދަނާކަން ހާމަވާކަމެއްކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އޮތް އިތުބާރު ފެންނަ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިމަގުގައިވެސް ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ދަމަހައްޓާ ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.


އޮސްޓްރޭލިޔާގެ އިންތިޚާބީ ކޮމިޝަނުން ބުނީ ވޯޓުގެ 68 އިންސައްތަ މިހާރު ގުނާ ނިމިފައިވާއިރު ޤާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި އަލްބަނީސް ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއާއެކު ހިނގަމުންދާ ދައުރުގައި ލޭބަރ ޕާޓީއަށް ލިބިފައިވާ ގޮނޑީގެ ޢަދަދަށްވުރެ އަންނަ ދައުރުގައި ލިބޭ ގޮނޑީގެ ޢަދަދު އިތުރުވާނެއެވެ.

ސަޕޯޓަރުންނަށް ކާމިޔާބީ އިޢުލާނު ކުރައްވައި އަލްބަނީސް ވިދާޅުވީ އޭނާގެ ޕާޓީން އިތުރު ޕާޓީއަކާ އިއްތިޙާދެއް ޤާއިމުކުރަން ނުޖެހޭ ވަރަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. އޭނާގެ ޕާޓީން ޚިޔާރު ކުރާނީ އޮސްޓްރޭލިޔާގެ އަމިއްލަ ގޮތް ކަމަށާއި އެހެން ޤައުމުތަކުގެ ސިޔާސަތުތަކާއި ފިކުރަށް ތަބާ ނުވާނެ ކަމަށް އަލްބަނީސް ވިދާޅުވިއެވެ. ޤައުމު ހިންގާނީ އަމިއްލައަށް ކަމަށާއި އެހެން ބައެއްގެ މައްޗަށް ބަރޯސާވެގެން ނޫން ކަމަަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އަލްބަނީސް ވެެރިކަމުގެ އިތުރު ދައުރެއް ކާމިޔާބު ކުރައްވާފައި ވަނީ އޮސްޓްރޭލިޔާގައި ދިރިއުޅުމުގެ އަގުބޮޑުވުމާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.