ޚަބަރު

ޕީއެސްއެމް ނިއުސް އެވޯޑްސް: އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު


  • ވަރަށް ގިނަ ދާއިރާތަކަކުން އެވޯޑު ދީފައިވޭ

  • 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފުންނަށްވެސް އެވޯޑު ދިން

ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ޙަފްލާ ބާއްވައިފިއެވެ. މި ޙަފްލާގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ޚާއްސަ އެވޯޑު ވަނީ ދީފައެވެ. މި ޙަފްލާ ބާއްވާފައިވަނީ ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

ޕީއެސްއެމް ނިއުސްގެ އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ޢައްބާސް އިބްރާހިމެވެ. ޙަފްލާގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އެވޯޑު ޙަފްލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ނިއުސް ޙުސައިން އަމީން ނަޞީރު ވިދާޅުވީ، މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ ނިއުސް ޗެނަލުގެ މުވައްޒަފުންކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށެވެ. އަދި ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެންމެ އުހުގައި ޕީއެސްއެމް ނިއުސް އޮތުމުގައި އެ މުވައްޒަފުންގެ ބުރަ މަސައްކަތް މުހިންމު ދައުރެއް އަދާކުރާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އަބަދުވެސް އެންމެ ޚާއްސަ އިސްކަމެއްދެއްވަނީ އެންމެ ތާޒާކަމާއެކު ޚަބަރުތައް ގެެނެސްދީ، ނިއުސްގެ ކޮންޓެންޓް މުއްސަނދިކުރުމަށް ކަމަށެވެ.

"ޕީއެސްއެމްގެ ކޮންޓެންޓް މުއްސަނދިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކޮންޓެންޓް މުއްސަނދިވުމުގެ ނަތީޖާއަކީ މުވައްޒަފުން ގުޅިގެން ހީވާގިކަމާއެކު ކުރި މަސައްކަތް." އަމީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އެވޯޑްސްގައި ގިނަ ދާއިރާތަކަކުން އެވޯޑު ދީފައިވެއެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛެވެ. އެންމެ މޮޅު ނިއުސް ޕްރެޒެންޓަރގެ އެވޯޑުވެސް މުޢާޛަށް ލިބުނުއިރު، އެންމެ މޮޅު ނިއުސް އެންކަރގެ އެވޯޑު ލިބުނީ ސީނިއަރ ނިއުސް އެޑިޓަރ ޙަފީޒާ ޢަބްދުއްސައްތާރަށެވެ.

މި ޙަފްލާގައި އެކި ދާއިރާތަކުން ދިން އެވޯޑުތަކަށް ބަލާލާއިރު، އެންމެ މޮޅު ނިއުސް އެޑިޓަރގެ އެވޯޑު މުޢާޛަށް ލިބުނުއިރު، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނީ އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށެވެ.

މީގެ އިތުރުން އެންމެ މޮޅު ވީޑިއޯ އެޑިޓަރުގެ އެވޯޑު މުޙައްމަދު މައުމޫނަށް ލިބުނުއިރު، އެންމެ މޮޅު ކެމެރާމަންގެ އެވޯޑު ލިބުނީ ޢަބްދުއްރަޙީމް ޔޫސުފަށެވެ. އެންމެ މޮޅު ފޮޓޯގްރަފަރަކަށް މުޙައްމަދު ވަޙީދު ހޮވިފައިވާއިރު އެންމެ މޮޅު އޮން-އެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ މުޙައްމަދު ޢަލީއެވެ. އެޓެންޑެންސް އެވޯޑު ޙާސިލުކޮށްފައިވަނީ ނާއިޒާ ލަތީފާއި އައިޝަތު ނީޒާއެވެ.

އެންމެ މޮޅު ނިއުސް ޕްރޮޑިއުސަރުގެ އެވޯޑު ފާޠިމަތު ޝިޔާޒާއަށް ލިބުނުއިރު، ބެސްޓް ޕްރޮގުރާމް ޕްރޮޑިއުސަރުގެ އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗަރ އެވޯޑު ލިބުނީ އަޙްމަދު ޝާފީޢުއަށެވެ. އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑު ވަފީޤާ ޙާމިދަށް ލިބުނު، އެންމެ މޮޅު އޮންކެމް ރިޕޯޓުގެ އެވޯޑު ލިބުނީ އާމިނަތު ޝާޒިޔާއަށެވެ. ބެސްޓް ސެކެޓްރީގެ އެވޯޑު ލިބުނީ ނާއިޒާ ލަޠީފަށެވެ. އަދި ރެޒިލިއަންސް އެވޯޑު ސްޕޯޓްސް ޖާނަލިސްޓް ސާޢިދު އަޙްމަދަށް ލިބުނުއިރު، ބެސްޓް ސޯޝަލް މީޑިއާ ކޮންޓެންޓު ކްރިއޭޓަރގެ އެވޯޑު ލިބިފައިވަނީ މުޙައްމަދު ރިއްފަތަށެވެ.

ހަމަ އެހެންމެ ދައުލަތުގެ މީޑިއާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި މިވަގުތުވެސް ނިއުސް ޗެނަލްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ 10 މުވައްޒަފެއްގެ އަގު ވަޒަންކޮށް، ޚާއްސަ އެވޯޑު ވަނީ ދީފައެވެ. އަދި 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން ބައެއް ކޮންޓެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.

މި އެވޯޑު ޙަފްލާގައި ކޮންމެ އަހަރެއްގެ އުސްއަލިތަކަށް އަލިއަޅުވާލައި ޕީއެސްއެމް ނިއުސްއިން ނެރުމަށް ހަމަޖެހިފައިވާ ޚާއްސަ ފޮތެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. "ނިމުނު 52" ހަފްތާގެ ނަމުގައި ނެރޭ މި ފޮތުގައި 1 އަހަރު ދުވަހު ރާއްޖޭގައި ހިނގި މުހިންމު ޚަބަރުތަކުގެ ތަފްޞީލު އެނގެން ހުންނާނެއެވެ.