ޚަބަރު

15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް ޑރ. މުޢިއްޒު ތާރީޚުގެތެރެއަށް!


  • ދުނިޔޭގެ ލީޑަރަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން

  • ނޫސްވެރިން ކުރެއްވި ހުރިހައި ސުވާލަކަށް ޖަވާބުދެއްވި

މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރެކޯޑު ހައްދަވައިފިއެވެ. މިއީ ދުނިޔޭގެ ވެރިޔަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ. ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނީ މެންދަނު 01:00 ޖަހަނިކޮށެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އެމަނިކުފާނު ފެއްޓެވީވެސް ނޫސްވެރިން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބުދެއްވާނެކަމަށް ވިދާޅުވަމުންނެވެ. އެއީ އަނެއް ދުވަހާ ހަމައަށް ދިގުދެމިގެން ދިޔަކަމުގައިވިޔަސްކަމަށް ވިދާޅުވުމަށްފަހުއެވެ. ރައީސް މެދުނުކެނޑި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޙަޤީޤަތާ އެއްގޮތަށް، ހަމަހަމަކަމާއެކު އަދި ވަކިފަރާތަކަށް ނުޖެހި ޚަބަރު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.. ނަމާދު ވަގުތުތަކަށް ކުޑަ ހުސްވަގުތުކޮޅުތަކެއް ދެއްވައިގެން ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު އާންމު ރައްޔިތުން ނޫސްވެރިން މެދުވެރިކޮށް ހުށަހެޅި ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ.

ރައީސް ބޭއްވެވި ނޫސްވެރިންގެ މި ބައްދަލުވުން ކުރިއަށްގެންދަވާފައި މިވަނީ މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖޭގެ ދަރަޖަ ރަނގަޅުވެފައިވެސްވާ ދަނޑިވަޅެއްގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމަށްވާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 104 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނައިގައެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށާއި، މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އިތުރުކުރުމަށާއި، ނޫސްވެރިކަމުގެ ވަސީލަތްތައް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިފަދަ އެއް މަސައްކަތަކީ ރާއްޖޭގެ މީޑިއާތަކަށް އެހީތެރިވުމަށްޓަކައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ޑިވެލޮޕަރަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.


ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި، އަމިއްލަ މީޑީއާތަކަށް އެހީތެރިވުމަށް ސަރުކާރުން 27.98 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

މީގެ އިތުރުން މައުލޫމާތު ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ސަރުކާރުން ވަނީ 141 ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، 1,071 މީޑިއާ އިންޓަވިއު ބާއްވާފައެވެ. އޭގެތެރޭގައި އަހާ ފޯރަމްގައި ސީދާ ރައްޔިތުންނާ ގުޅުން ބަދަހިވެ، ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންނާ ދެމެދު މަޝްވަރާކުރުމަށް އިތުރަށް ބާރުއަޅާފައިވެއެވެ. މީގެ ތެރޭގައި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތައްވެސް ހިމެނެއެވެ.

ރައީސް އޮފީހުން ވަނީ "ރައްޔިތުންނާ އެކު" ގެ ނަމުގައި ޕޮޑްކާސްޓެއްވެސް ފަށާފައެވެ. މި ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ސީދާ ރައްޔިތުންނާ ވާހަކަދައްކަވައި، ސިޔާސަތުތަކާ ބެހޭ މަޢުލޫމާތައް ހިއްސާކުރައްވައެވެ. މިހާތަނަށް ޕޮޑްކާސްޓުގެ 4 އެޕިސޯޑް ވަނީ ނެރެވިފައެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ވަނީ 1,043 ޝަކުވާ ނުވަތަ ހުށަހެޅުން ރައީސަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 705 އަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ. މި މަސައްކަތަކީ ސީދާ ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެކެވެ.

ނޫސްވެރިންގެ ބައްދަލުވުން ތާރީޚުން ޖާގަ ހޯދައި ރެކޯޑު ބައްދަލުވުމަކަށްވީ، މިއީ ޤައުމެއްގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ވުމެވެ. މިހާތަނަށް އެ ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީއެވެ. ޒެލެންސްކީ 14 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށްފައިވެއެވެ.