މުނިފޫހިފިލުވުން

އައިޝްވާރިޔާއާއި ރަންބީރުގެ ލޯބި ކާމިޔާބު ވެދާނެތަ؟


މިއަހަރު ކުރިއަށްހުރި ފިލްމްތަކަށް ބަލާއިރު އައިޝްވާރިޔާ ރާއީ ބައްޗަން، ރަންބީރު ކަޕޫރުއާ އެއްކޮށް ފެންނަ ފިލްމް "އޭ ދިލްހޭ މުޝްކިލް"އަކީ މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. މި ފިލްމްގައި އައިޝްވާރިޔާ ފެނިގެންދަނީ ރަންބީރުގެ އަނބިމީހާގެ ގޮތުގައެވެ. ފިލްމުގެ ބޮޑު ބައެއް މިހާރު ޝޫޓްކޮށް ނިމިފައިވާއިރު މި ފިލްމަކީ ކަރަން ޖޯހަރު ޑައިރެކްޝަންގެ ލިސްޓަށް އިތުރުވާނެ ސުޕަރ ހިޓް ފިލްމެއްކަމަށްވެސް ގިނަބަޔަކުދަނީ ބުނަމުންނެވެ.

އައިޝްވާރިޔާއާއި ރަންބީރުގެ އިތުރުން މި ފިލްމްގައި ދެން ޙަރަކާތްތެރިވާ ތަރިންނަކީވެސް ބޮލީވުޑްގައި ނަން ވިދާލާފައިވާ ތަރިންނެވެ. ފިލްމްގައި އަނުޝްކާ ޝަރުމާ ފެނިގެންދާނީ ރަންބީރު ކަޕޫރުގެ ލޯބިވެރިއެއްގެ ގޮތުގައިކަމަށް ފިލްމް ޑައިރެކްޓަރ ވަނީ ހާމަކޮށްފައެވެ. މިހާ ހިސާބުން މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްކަން ޔަޤީންވީއެވެ. ނަމަވެސް ފިލްމުން ދެން ފެންނާނެކަން ހާމަކޮށްފައިވާ ތަރި ފަވާދު ޚާން ފިލްމްގައި ކުޅޭ ރޯލަކީ އަނުޝްކާގެ ލޯބިވެރިއެއްގެ ބައިކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމްގެ ވާހަކައަކީ ލޯބީގެ ވާހަކައަކަށްވާއިރު ފިލްމްގެ ބަތަލާ އައިޝްވާރިއާއާއި ރަންބީރުގެ މި ޖޯޑު އާންމުން ބަލައިގަންނާނެކަމާމެދުވަނީ ސުވާލު އުފެދިފައިއެވެ. އަދި މި ފިލްމްގައި އައިޝްވާރިޔާއަށް ރަންބީރުގެ ލޯބި ކާމިޔާބު ކުރެވޭނެކަން އެނގޭނީ ފިލްމު ބަލާލުމުންކަމަށް ފިލްމްގެ ޑައިރެކްޓަރވަނީ ހާމަކޮށްފައެވެ.

މި ފިލްމް ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެތެރޭގައެވެ.