ކުޅިވަރު

ގައުމީ ވޮލީ މުބާރާތް: ފްލެކްސަރ ބަލިކޮށް ހުރާ ދެވަނައަށް


ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ފްލެކްސަރ ސްޕޯޓްސް ކުލަބު ބަލިކޮށް ހުރާ ކޮމިއުނިޓީ ކުލަބުން ދެވަނައަށް ޖެހިލައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ހުރާ ކާމިޔާބު ކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ހުރާ ގެންދިޔައީ 25-19 އިންނެވެ. ފަހު ދެ ސެޓް ހުރާ ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. އެއީ 25-10 އަދި 25-13 އިންނެވެ.

މިމެޗު މޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ ހުރާ ޓީމުގެ ރަޝިޔާ ކުޅުންތެރިޔާ ވެރޯނިކާ ޒުބަރޭވާއެވެ.
މި މެޗުން ހޯދި މޮޅާއެކު ހަތަރު ޓީމު ވާދަކުރާ ލީގު ބުރުގައި ހުރާ އިން ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގަ ވެމްކޯ އޮތީ 5 ޕޮއިންޓާއެކު އެވެ.

މުބާރާތުގެ އެއްކޮޅުން ފައިނަލަށްދާ ޓީމެއްގެ އިތުރުން ސެމީ ފައިނަލު މެޗަށް ހޮވޭނެ ޓީމެއް ކަށަވަރު ވާނީ މިރޭގެ މެޗު ނިމުމުންނެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ.

އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.