ޚަބަރު

ޚާރިޖީ ވަޒީރަށް ރުހުންހޯއްދެވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި


ރައީސުލްޖުމްހޫރިއްޔާ، ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާ، ގަލޮޅު ވައިޖެހޭގޭއާގޭ ޑރ. މުޙައްމަދު ޢާޞިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާ ކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ޢާޞިމަށް ރުހުން ދެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށެވެ. ޚާރިޖީ ވަޒީރު ކަމަށް ޑރ.މުޙައްމަދު އާސިމް އައްޔަން ކުރައްވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަން ކުރައްވާފައި މިވަނީ ކުރިން އެމަޤާމްގައި ހުންނެވި ދުންޔާ މައުމޫން މިމަހުގެ 5 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. img:http://s1.psmnews.mv/images/660x400/14684030128161.jpg|ރައީސުލްޖުމްހޫރިއްޔާ ފޮރިން މިނިސްޓަރ ކަމުގެ މަޤާމަށް ޑރ. މުޙައްމަދު އާޞިމް އައްޔަންކުރެއްވުން - ފައިލް ފޮޓޯ: ރައީސް އޮފީސް

ޑރ. މުޙައްމަދު ޢާޞިމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ފޮރިން މިނިސްޓަރަކަށް ޢައްޔަން ކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ، ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމުގައެވެ. އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 24 އޮކްޓޫބަރ 2004 ގައި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރުކަމުގެ މަގާމަށް ޢައްޔަނު ކުރެއްވި ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމާއި، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމާއި، ޔޫރަޕިއަން ކޮމިޔުނިޓީސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޚާރިޖީ ވުޒާރާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމްތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ.