ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށާއި މިއީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި އައު ބޮޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބައޯމެޓްރިކްސް ނަގަން ފަށާފައިވަނީ 2 މޭ 2024ގައެވެ.
މިމަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވަމުން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވީ، މިއަދާ ހަމަޔަށް އައިއިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކުރެވިފައިވާކަމަށެވެ. ރައީސްވަނީ މި މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް. 2 މޭ 2024 ގައި ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފަ. މި ބުރަ މަސައްކަތުގައި…
— Dr Mohamed Muizzu (@MMuizzu) May 1, 2025
ރައީސް ވިދާޅުވީ، ބިދޭސީން ލައްވައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވުމަކީ އެމީހުންގެ އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގަނެވޭނެކަމެއްކަމަށެވެ. ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެއްްކަމަށާއި، މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ހުރިހާ ބިދޭސީންނަކީވެސް ކާކުކަން ބައޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން މުހިންމުކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ނަމުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް އެޕްރީލްމަހުގެ 30ގެ ނިއަލަށްވަނީ ކުރިއަށް ގެންގޮސްފައެވެ. މިމަސައްކަތް ކުރިއަށް ގެންދިޔައީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކޮށްފައިވެއެވެ.
މިއޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވަނީ ކައުންސިލް އިދާރާތަކުގައިވެސް ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ.
އަދި މިދިޔަ އޭޕްރީލްމަހުގެ 30ގެ ނިއަލަށް އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އަދި ބަޔޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.