ފާއިތުވެދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ 15.4 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުންކަމަށް އެ ކުންފުނިން ބުނެއެވެ.
އާމްދަނީ ދަށްވުމާއެކު މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިޔަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ ދަށްވުމެކެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 8 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އަހަރު، ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުނީގެ ސާފު ފައިދާއަކީ 846 މިލިޔަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުނީގެ ސާފު ފައިދާ ދަށްވެފައިވަނީ، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއިއެކު ޖުމްލަ ފައިދާ ދަށްވެފައިވުމުންކަމަށް އެކުންފުނިން ބުނެއެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 741 މިލިޔަން ރުފިޔާ ލިބިފައެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.