ޚަބަރު

ކަސްޓަމްސް ޚިދުމަތަށް 126 އަހަރު ފުރުން ފާހަގަކޮށް ދިދަ ނަގައިފި


ޤައުމުގެ މުސްތަޤްބަލް ބައްޓަންވެގެންދަނީ މޯލްޑްވިސް ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުން ކަމަށް ހޯމް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. img:http://s1.psmnews.mv/images/660x400/14669576854394.jpg|ކަސްޓަމްސް އޮފިސަރަކު މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި - ފައިލް ފޮޓޯ: ކަސްޓަމްސް

މިނިސްޓަރ ޒުހޫރު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތަށް 126 އަހަރު ފުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ޤައުމަށްޓަކައި ރާއްޖޭގެ ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަކީ ވަރަށް ބުރަ އެހާމެ އަގުހުރި މަސައްކަތެއް ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުން ޤައުމުގެ މުސްތަޤްބަލް ބައްޓަންވެގެންދާ ކަމަށާއި ޤައުމުގެ އިސްތިގްލާލާއި، ރައްކާތެރިކަން ހިފެހެއްޓެފައިވާ ކަމަށެވެ. img:http://s4.psmnews.mv/images/660x400/9660.jpg|ރާއްޖެ އެތެރެކޮށްފައިވާ މުދާތަކެއް ކަސްޓަމްސް އޮފިސަރުންތަކެއް ބައްލަވަނީ - ފައިލް ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް މައިއޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައިވެސް ދިދަނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ. ދިވެހި ކަސްޓަމްސްގެ ޚިދުމަތް ދިނުމަށް އޮފީހެއް ފުރަތަމަ ޤާއިމުކުރެވިފައިވަނީ މީލާދީން 1890 ވަނަ އަހަރު އެވެ. ކަސްޓަމްސްގައި 700 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މި މުއައްސަސާގެ 6 އޮފީސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މިރަސްމިއްޔާތުގައި ދުވަހާއި ގުޅޭގޮތުން ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.