މިމަމަހުގެ 18ވަނަ ދުވަހުގެ ގ.އެރިޔަދޫ ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލްގެ އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނިފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމުނުއެވެ.
ޔުމުނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައާ ގުޅިގެން ގ.އެރިޔަދޫ އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލުގެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން އޭރުވަނީ 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. މިމުއްދަތު މިއަދަށް ހަމުވުމުން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.
ޔުމުނު ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އޭނާއާއެކު ރައުދު އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ރައުދުއާއި ޔުމުން އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. މިއެންމެންގެ ބަޔާންނަގައި، އެމީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށްވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.
މި މައްސަލައިގައި ޔުމުނު ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން މި މައްސަލަައާ ގުޅިގެން ޔުމުނު އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިހާދިސާގައި ވެއްޓުނު ޔުމުނުއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ.
މިހާދިސާ ތަހުގީގުކުރަން، ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވަނީ އުފައްދަވާފައެވެ. އަދި ޔުމުނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިޙުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު ޢަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިއުޓަރ ޖެނަރަލްވެސްވަނީ އަންގަވާފައެވެ.