ޚަބަރު

ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް އެބަހުރި: ރައީސް


  • ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވޭ

  • ތަފާތު ދާއިރާތަކުން އިންވެސްޓް ކޮށްގެން ފައިދާވާނެ

ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް އެބަހުރިކަމަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ބޭއްވި ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން މެލޭޝިއާއާއެކު ދޭދޭ ގުޅުމުގެ އިތުރުން އިޤްތިޞާދީ ގުޅުންވެސް ބަދަހިކުރަން ތައްޔާރަށް ތިބި ކަމަށާއި ދެ ޤައުމުގެ ގުޅުމަކީ އިތުބާރާއި ދެ ޤައުމުން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ބިނާވެފައިއޮތް ގުޅުމެއް ކަމަށެވެ.

ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައި އޮތް ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެކި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާތަނަށް ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިހާރު އިޢުލާންކޮށްފައިވާއިރު މެރިޓައިމް ދާއިރާ އާއި އެއަރޕޯޓް ތަރައްގީ ކުރުމާއި އިއާދަކުރަނިވި ހަކަތައަށްވެސް އިންވެސްޓް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމަކަށް ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައިވެސް އެހީތެރިކަން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަން ހާސިލް ކުރުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހުޅުވާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރިއަލްއެސްޓޭޓާއި ފަތުރުވެރިކަމާއި ޕޯޓް ލޮޖިސްޓިކްސް އާއި މެރިކަލްޗަރ އާއި އިއާދަކުރަނިވި ހަކަތައާއި ވެލިއު އެޑެޑް އެކްސްޕޯޓްސް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިންވެސް ޚާއްސަ ފުރުސަތުތަކެއް ހުޅުވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މިދިޔަ އަހަރު ތަސްދީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން މެރިޓައިމް އަދި ލޮޖިސްޓިކް ދާއިރާއިން ގިނަ ފުރުސަތުތައް އެބަހުރި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީވެސް އިންވެސްޓަަރުންނަށް ފައިދާވާނެ ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.