ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރޭގައި ހޭނެތިފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިގެން ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއަދު ހެނދުނު 6:05 ހާއިރު ވިނަރެސް ފްލެޓުގައި އަންހެނެއްގެ ހަޅޭކުގެ އަޑު އިވޭކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުމާއެކު އެއަޑު އިވުނު ކަމަށް ލަފާ ކުރެވޭ ފްލެޓަށް ގޮސް ބާރުގެ ބޭނުންކޮށްގެން ދޮރުހުޅުވައި އެއެޕާޓްމަންޓަށް ވަދެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެއެޕާޓްމަންޓުގެ ތެރެއިން ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ޚަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ އަންހެން މީހާ ފެނުނުއިރު އެޕާޓްމަންޓުގައި އިތުރު މީހަކު ނެތް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.