ތަޢުލީމު

އާ މަންހަޖާއެކު ތަޢުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް


އާ މަންހަޖާއެކު ސްކޫލްތަކުގެ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށް 2 އަހަރުގެ ތެރޭގައި ހަސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދަކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، މަންހަޖުގެ، ކީ ސްޓޭޖް 3 ގެ މުދައްރިސުންނަށް ބޭނުންވާ ތަމްރީންދެއްވުމުގެ މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަށް އެކުލަވާލާފައިވާ ޤައުމީ މަންހަޖުގައި މަދަރުސީ ތަޢުލީމުގެ މަރުހަލާތައް 4 ބަޔަކަށް ވަނީ ބަހާލާފައެވެ. އެއީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ބައިގައި، ޕްރީސްކޫލެވެ. ފަށާ ތަޢުލީމުގެ މަރުޙަލާގެ ބައިގައި، ކީ ސްޓޭޖް1ގައި ގްރޭޑް 1 އިން 3އަށް، އަދި މިމަރުޙަލާގައި ކީސްޓޭޖް2 ގައި ގްރޭޑް 4،5،6 ކަނޑައަޅާފައިވާއިރު، ދަށު ސާނަވީ މަރުޙަލާގެ ބައިގައި ކީ ސްޓޭޖް 3 ގައި ގްރޭޑް 7،8 އަދި ކީ ސްޓޭޖް 4ގައި ގްރޭޑް 9، 10ވަނީ ހިމަނާފައެވެ.

މަންހަޖުގައި މަތީ ސާނަވީ މަރުހަލާގައި ކީ ސްޓޭޖް 5 ގައިހިމެނެނީ ގްރޭޑް 11 އަދި 12އެވެ.

ވޭތުވެދިޔަ 2 އަހަރުން ފެށިގެން ކީސްޓޭޖް 1 އަދި 2 ވަނީ ތަންފީޒުކުރަން ފަށާފައެވެ. ކީ ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގައި މަންހަޖު ތަންފީޒުކުރަން ފަށާނީ އަންނަ އަހަރުގައެވެ.

ކީސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގައި މަންހަޖު ތަންފީޒުކުރުމަށް ކަނޑައަޅާ މިގްރޭޑްތަކުގެ ޓީޗަރުން މުޤައްރަރުތަކަށް އަހުލުވެރިކުރުމުގެގޮތުން ފެށި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ބުރަކަށް ބަހާލައިގެންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އާއިޝަތު ޝިހާމް ވިދާޅުވީ އާ މަންހަޖާއެކު ސްކޫލްތަކުގައި ޤާއިމުކުރެވިފައިވާ ވަސީލަތްތައް ތަރައްޤީކޮށް އައު މަންހަޖުން ދަރިވަރުންނަށް ޙާސިލްކޮށްދޭން ކަނޑައަޅާފައިވާ ކަންތައް ޙާސިލްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ. އެގޮތުން ސްކޫލްތަކުގައި ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ހަސަތޭކަ މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދަކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެތެރޭގައި ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށާއި، މިދާއިރާ ހަލުވިކަމާއެކު ތަރައްޤީކޮށް ކުރިއަރުވަމުންދާކަމަށެވެ.

މަންހަޖުގެ ކީ ސްޓޭޖް 3 ގެ މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތު ބައްދަލުވުންތައް ނިމިގެންދާއިރު މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން 450އަށްވުރެ ގިނަ އެމްބެސެޑަރުން ތަމްރީނުވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.